ދުނިޔޭގެ 20 ގައުމަކުން އެތެރެކުރާ 36 ބްރޭންޑްގެ ތަފާތު ބާވަތްތައް ހިމެނޭ ގޮތަށް އެސްޓީއޯ އިން ސުޕަމާޓް ހޯލްސޭލް ސެންޓަރު ހުޅުވައިފި އެވެ.

އޯކިޑްމަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓް ފިހާރައިގެ ހުޅަނގު އުތުރު ކަންމަތީގައި ހުޅުވި ސުޕަމާޓް ހޯލްސޭލް ސެންޓަރުން ޚިދުމަތްދެމުން ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 0830 ން 1200 އަށް އަދި މެންދުރު ފަހު 1300 އިން ހަވީރު 1700 އަށެވެ.

އެފަދަ ސެންޓަރެއް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އާއްމުންނަށް ހެޔޮއަގުގައި ފެންވަރު ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމާ އެކު، އާއްމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ އަގު ބާޒާރުގައި އެއްވަރެއްގައި ހިފެހެއްޓުން ކަމުގައި އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އެސްޓީއޯ ސުޕަމާޓްގެ ހޯލްސޭލް ސެންޓަރު --- ފޮޓޯ/ އެސްޓީއޯ

މައިގަނޑު ގޮތެއްގައި ދުނިޔޭގެ ހަތަރު ބައްރަކުން އިންޕޯޓްކުރަމުން އަންނަ ބްރޭންޑްތައް ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އެގޮތުން ޔޫރަޕުގެ 9 ބްރޭންޑް، އޭޝިޔާގެ 19 ބްރޭންޑް، މެދުއިރުމަތީގެ ފަސް ބްރޭންޑް އަދި އެފްރިކާގެ ތިން ބްރޭންޑް ހިމެނެ އެވެ.

އެސްޓީއޯ ސުޕަމާޓުން އެތެރެކޮށް ވިއްކަމުންދާ އުފެއްދުންތަކުގެ ތެރޭގައި ދިވެހިން ދިރިއުޅުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގިނަ އަދަދަކަށް ހިމެނެ އެވެ. އެގޮތުން ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސުޕެގެޓީ، ރައިބީނާ، ކޮފީ އަދި ސައިފަތް ހިމެނެ އެވެ.

އޭގެ އިތުރުން ވެސް ޒަމާންތަކެއް ވަންދެން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ އެސްޓީއޯ އިން އެތެރެކުރާ ބުރޭންޑްތައް ކަމުގައިވާ ޑެވަންޑޭލް ކިރު، ރޮބަރޓް ލަންޗެން މީޓް، ފްރަގާޓަރ އޮލިވްސް އަދި އޮލިވް އޮއިލް، ސުޕާ ކަޕް ނޫޑްލީސް، ބޮންޑުއެލް ތަރުކާރީ ދަޅު އަދި ކުރުގަރ ޕާސްތާ ނުސާ ވެސް އެތަނުން ހޯލްސޭލްކޮށް ލިބެންހުންނާނެ އެވެ. އަދި އެ ބްރޭންތަކުގެ އަޖުމަ ބަލައިލިމުގެ ފުރުސަތު ހޯލްސޭލް ސެންޓަރުން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައި ކަމަށް އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެސްޓީއޯ ސުޕަމާޓްގެ ހޯލްސޭލް ސެންޓަރު --- ފޮޓޯ/ އެސްޓީއޯ

އެ ބަޔާނުގައި ބުނީ އެސްޓީއޯ ސުޕަމާޓުން އެތެރެކޮށް ވިއްކަމުންދާ 36 ބްރޭންޑުގެ އުފެއްދުންތައް އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ 13 ރީޖަނަލް ފިހާރަ އިން ވެސް މާލެއާ އެއްއަގެއްގައި ހޯލްސޭލްކޮށް ލިބިވަޑައިގަންނަވާނެ އެވެ.

ސުޕަމާޓް ހޯލްސޭލް ސެންޓަރުން 500 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް ވެސް މާލޭގެ ކޮންމެ ތަނަކަށް ވެސް މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމުވަނީ ހަމަޖެހިފައިވާ ކަމަށް އެސްޓީއޯގެ ބަޔާނުގައި ބުންޏެވެ.

އަތޮޅުތެރޭގައި އެސްޓީއޯގެ ފިހާރަ ގާއިމުވެފައިނެތް ރަށްރަށުގެ ބޭފުޅުންނަށް ވެސް ސުޕަމާޓް ހޯލްސޭލް ސެންޓަރަށް ފޯނުން ގުޅުއްވައިގެން މުދަލަށް އޯޑާ ކުރެއްވުމާއި ބައްލަވައިގަންނަވާ މުދަލަށް ފައިސާ ދެއްކެވުމުގެ ކަންކަން ލުއިފަސޭހަކަމާ އެކު ކުރިއަށްގެންދެވޭނެ ގޮތް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.