07 Aug 2016, 14:34
މި އަހަރުގެ ޖުލައި މަސް ފެށުނު އިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 622.6 މިލިޔަން އެމެރިކާ ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއު ރިޕޯޓުގައި، ނިމިދިޔަ ޖޫން މަހު ރާއްޖޭގެ އިގްތިސާދުގެ ހާލަތު ބަޔާން ކޮށްފައިވާ އިރު، އެ ރިޕޯޓުގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަސް ނިމި، ޖުލައި މަސް ފެށުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 622.6 މިލިޔަން ޑޮލަރު ހުންނާނެ ކަމަށެވެ.
ޖޫން މަސް ފެށުނު އިރު ރަސްމީ ރިޒާވްގައި ހުރީ 624 މިލިޔަން ޑޮލަރެވެ.
ޖުލައި ފެށުނު އިރު، އެ ރިޒާވުން ބޭނުން ކުރެވޭ ފައިސާގެ އަދަދަކީ 209.4 މިލިޔަން ޑޮލަރެވެ. އެއީ ޖޫން މަސް ފެށުނު އިރު ހުރި އަދަދަށް ވުރެ އެއް މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.
އެމްއެމްއޭ އިން ބުނީ، ބޭރުގެ ފައިސާ ލިބުމުގެ ދަތިކަމެއް ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އިރު، އެކަމަށް ހައްލެއް ހޯދައިދިނުމަށް ޓަކައި ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކި އަދަދު އިތުރުކޮށްފައި ވާނެ ކަމަށެވެ.
ބޭނުންކުރެވޭ އަދަދު ނުވަތަ ޔޫޒަބަލް ރިޒާވަކީ، ރާއްޖޭގެ ރަސްމީ ރިޒާވުން ބޭރުގެ ލައިބިލިޓީޒް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. މިއީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުންނަ ފައިސާ އެވެ.
މި އަހަރުގެ މޭ މަސް ފެށުނު އިރު، އެމްއެމްއޭގެ ރަސްމީ ރިޒާވުގައި ހުރީ 707.2 މިލިޔަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 230.8 މިލިޔަން ޑޮލަރެވެ.