07 Aug 2016, 13:19
ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އޮންނަ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނިންމައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް، ބިލު ހުށަހެޅުއްވި ގޮތަށް ފާސްކުރަން ކޮމެޓީން ނިންމީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލުތަކުގެ އުމަރަކީ ފަސް އަހަރު ދުވަސް ކަމަށެވެ.
ގާނޫނު އަސާސީގައި މިހާރު ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލުތަކުގެ އުމަރަކީ ތިން އަހަރު ދުވަސް ކަމަށެވެ.
އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވީ ކައުންސިލުތަކުގެ އިންތިހާބު ކޮންމެ ތިން އަހަރު ދުވަހަކުން ބާއްވަން ޖެހުމުން ފަސް އަހަރު ދުވަހުގެ ރިޔާސީ ދެ ދައުރު ތެރޭގައި ކައުންސިލު އިންތިހާބު ތިން ފަހަރުގެ މަތީން ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ދައުލަތުގެ މާލިއްޔަތުން ގިނަގުނަ ފައިސާތަކެއް ހަރަދުވާނެ ކަމެއް ކަމަށެވެ.
އާމިރު ވިދާޅުވީ ފަސް އަހަރު ދުވަހަށް ކައުންސިލެއްގެ ދައުރު އިންތިހާބު ކުރަން ޖެހޭ ގޮތަށް އޮތުމުން، ދައުލަތުގެ މާލިއްޔަތަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.