07 Aug 2016, 13:03
ކެބިނެޓުގެ ބައެއް ވަޒީރުން، އެހެން މިނިސްޓްރީތަކަށް ބަދަލު ކުރެއްވުމުންނާއި އަދި އަލަށް ތިން ވަޒީރަކު އައްޔަން ކުރެއްވުމާ ގުޅިގެން ޖުމުލަ ފަސް ވަޒީރަކަށް ރުހުން ދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީން ނިންމައިފި އެވެ.
ކޮމެޓީން ރުހުން ދިނުމަށް ނިންމެވި ވަޒީރުންނަކީ ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ބަދަލު ކުރެއްވި އަހުމަދު ޒުހޫރާއި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޔޫތު މިނިސްޓަރަކަށް ބަދަލު ކުރެއްވި އިރުތިޝަމް އާދަމާއި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނަވަނިކޮށް، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުނައްވަރުގެ އިތުރުން ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.
އެ ފަސް ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ނެވެ. އެ ފަސް ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީނު މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.
އެ ފަސް ވަޒީރުން އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.