ވޮޝިންޓަން (އޮގަސްޓް 7): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހިލަރީ ކްލިންޓަންގެ ސިކުނޑި ވަނީ ޝޯޓް ސާކެޓްވެފައި ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދަ އިން ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ހިލަރީ ނޫސްވެރިންތަކަކާ ބައްދަލު ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހުންނެވި އިރު ސަރުކާރުގެ ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލައާ ބެހޭ ގޮތުން ވާހަކަދެއްކެވުމުގައި ފުރިހަމައަށް ޖަވާބު ދެއްވާފައިވާ ނުވާ ކަމަށް ވިދާޅުވެ، ހިލަރީ ވަނީ އެމާނާގައި 'ޝޯޓް ސާކެޓް' އެބަސް ބޭނުން ކުރައްވައިފަ އެވެ.

އަދި ހިލަރީއަކީ ރޮބޮޓެއް ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ޓްރަމްޕް ވަނީ އިއްޔެ އޮތް ކެމްޕެއިން ރެލީއެއްގައި ހިލަރީއަށް މަލާމާތް ކުރައްވަމުން އޭނާގެ ސިކުނޑި ވަނީ ޝޯޓް ސާކެޓްވެފައި ކަމަށް ވިދާޅުވެފަ އެވެ.

"ހިލަރީގެ ސިކުނޑި ވަނީ ޝޯޓް ސާކެޓްވެފައި. އޭނާގެ މައްސަލަތައް އުޅޭ.. މިތަނުން ޝޯޓް ސާކެޓް ވާނެ މީހަކު ރައްޔިތުން ބޭނުމެއް ނުވޭ،" ބޮލަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އެހެން ވިދާޅުވުމުން އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ހިލަރީ ޖަލަށް ލުމަށް ވެސް ގޮވާލާފަ އެވެ.

ޓްރަމްޕުގެ ރިޔާސީ ކެމްޕެއިންގައި ހިލަރީއަށް ފާޑު ކިޔުން އިތުރު ކުރައްވާފައި ވަނީ އިރާގު ހަނގުރާމާގައި މަރުވި އެމެރިކާގެ މުސްލިމް ސިފައިންގެ މީހެއްގެ މައިންބަފައިންނާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާއާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ އެތައް ބަޔަކު ފާޑު ކިޔަމުން ދަނިކޮށެވެ. (ސީއެންއެން)