07 Aug 2016, 12:31
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން އިން މިއަދު ބުނީ އެމިރޭޓްސްގެ ފްލައިޓަކުން މިމަހުގެ އެއްވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި އެ މީހާގެ އަމަލުތައް ހުރި ގޮތުން އެއާޕޯޓު ކްލިއަރެންސް އޮފިސަރުން އޭނާ ބަލައި ފާސް ކުރި އިރު، އެތެރެހަށީގައި ޑްރަގު ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވުނު ކަމަށެވެ.
އޭނާ އެކްސްރޭކޮށް ބެލި އިރު، ހަށިގަނޑުން 30 ބުލެޓު ފެނިފައިވާ ކަމަށާއި، އެތަކެތި ނަގައި ތަހުލީލު ކުރުމުން ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އެ ހެރޮއިންގެ ޕެކިންއާ އެކު ބަރުދަނުގައި ޖުމްލަ 376 ގްރާމް ހުރި ކަމަށެވެ.
އެ މީހާއާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ކަސްޓަމްސް އިން ނުބުނެއެވެ.
ކަސްޓަމްސްއިން ބުނީ، މި އަހަރުގެ މިހާތަނަށް، ޑްރަގު އަތުލައިގަތުމުގެ 12 އޮޕަރޭޝަނެއް އެ މުއައްސަސާއިން ހިންގާފައިވާ ކަމަށެވެ، އެގޮތުން މިހާތަނަށް 16.5 ކިލޯގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްގާއި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެތަންފެޓަމައިންގެ 966 ގުޅަ ބޭސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.