ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ބ. އޭދަފުށީ ހަލަވެލި މުހައްމަދު ޒާހިދު (ބައްޓޭ) ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ޒާހިދު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިމަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ސައްޙަ ނޫން ޑޮލަރު ރާއްޖެ އެތެރެކޮށް، ސައްޙަ ނޫން ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ފުލުހުން ކޯޓުގައި ބުނެފައި ވަނީ ޒާހިދު ހައްޔަރުކުރުމުގެ ކުރިން އެތަކެއް ދުވަހެއް ކުރިން އޭނާ އަށް ފާރަލަމުން ގޮސްފައިވާނެ ކަމަށެވެ.

ޒާހިދު ދޫކޮށްލުމަށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށެވެ.

އެ މައްސަލައިގައި ކަން ހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޒާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ސައްޙަ ނޫން ޑޮލަރު ރާއްޖެއަށް އެތެރެކޮށް އެއިން ވިޔަފާރިކުރުމުގެ ތުހުމަތުކަމަށާއި އޭނާ ހައްޔަރުކުރީ ސައްޙަ ނޫން ޑޮލަރުތަކެއް ރާއްޖެއަށް އެތެރެކުރަނިކޮށް ނުވަތަ އެޑޮލަރުތައް ވިއްކަމުން ދަނިކޮށް ނޫންކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ޒާހިދު ހައްޔަރުކޮށް އޭނާ ބަލާ ފާސްކުރި އިރު، ޒާހިދުގެ އަތުން ނުވަތަ އޭނާއާ ގުޅިފައިވާ ތަނަކުން ނުވަތަ އޭނާ ދުއްވަން އިން ސައިކަލަކުން ތުހުމަތުކުރެވޭ ބާވަތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަން ފުލުހުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެކަންކަމުގެ މައްޗަށް ބަލާއިރު، ޒާހިދު ހައްޔަރު ކޮށްފައި ވަނީ ކުށުގެ އަމަލު ހިނގަ ހިނގާ ހުރި ވަގުތު ނޫންކަން އަދި ކުށުގެ އަމަލެއް ހިންގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުއްޓައި ނޫންކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޒާހިދަކީ ވެލެންސިޔާ އާއި ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައިވާ މީހެކެވެ.