26 May 2011, 16:41
ލ. މާބައިދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރޭޕްކޮށްލި 18 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލާފައި ވަނީ އެކަމުގައި ހަރަކާތްތެރިވި ދެ ފިރިހެނަކު އަންހެން ކުއްޖާ އަށް ފޯނުން ގުޅައި އޮޅުވާލައިގެން ފުއްޓަރު ފަރާތަށް ގެންގޮސްގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާ ރޭޕް ކޮށްލާފައި ވަނީ އެ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ދެ ފިރިހެން ކުއްޖަކު އަންހެން ކުއްޖާ އަށް ފޯނުން ގުޅައި އޮޅުވާލައިގެން އެ ސަރަހައްދަށް ގެންގޮސް ގެން ކަމަށެވެ.
މާބައިދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ 18 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލި ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ އެ ޢަމަލު ހިންގުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން ވެސް ހައްޔަރުކޮށްފަ އެވެ.
އެ އެންމެންނަކީ ވެސް އެ ރަށަށް ނިސްބަތްވާ ޒުވާނުންތަކެކެވެ.
ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރަންކޮކާގޭ، އަހުމަދު އަޒުމް 21، އާއި ގޯޅި ތެރޭގޭ، އިބްރާހިމް އަހުމަދު 32، އާއި ސީސައިޑް، ހުސެއިން އާފިޒް 21، އާއި ކުޑަޖެހިގެއާގެ އަހުމަދު އިމްރާން 20، އާއި ބޮކަރުމާގެ، އަހުމަދު ޝިޔާއު އެވެ.
އޭގެ ތެރެއިން އަހުމަދު އަޒުމާއި ހުސެއިން އާފިޒަކީ ވައްކަމުގެ ރެކޯޑް އޮތް ދެމީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފޯނުން ވާހަކަ ދައްކަމުން މާބައިދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާ އަށް ފަސް މީހުން ވެގެން ހަމަލާދީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން އެ ރަށުގެ ފުއްޓަރަށް ގެންގޮސް ރޭޕް ކޮށްލާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ގާތްގަނޑަކަށް 6:30 އެހާކަންހާ އިރު ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
އަންހެން ކުއްޖާ ގެއަށް ނައިސް ލަސްވެގެން އޭނާގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހޯދަމުން ދަނިކޮށް އަންހެން ކުއްޖާ ފެނިފައި ވަނީ ފުއްޓަރު ސަރަހައްދުގެ ވަލުތެރޭގައި ހުރި ރުކެއްގެ ބުޑުގައި އިށީނދެ ރޯން އިންދާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލުން ބުންޏެވެ.
ރަށު ކައުންސިލުން ވާހަކަ ދެއްކި މީހަކު ބުނީ ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ އަންހެން ކުއްޖާ އަށް ރަނގަޅަށް ނުހިނގޭ ކަމަށެވެ. އަދި އަންހެން ކުއްޖާ ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ ވެސް ސައިކަލެއްގައި ކަމަށް މާބާއިދޫ ބުންޏެވެ. އަދި އަންހެން ކުއްޖާގެ ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް މާބައިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.