07 Aug 2016, 12:02
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނު ސްކީމް ލިބޭ ފަރާތްތައް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖުމުލަ 61 ފަރާތަކަށް އެސްއެމްއީ ލޯނު ސްކީލް ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި ދަނޑުވެރިކަމުގެ ދާއިރާއިން ފަސް ފަރާތަކަށް ލޯން ދޫކޮށްފައިވާއިރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހަތަރު ފަރާތަކަށް ލޯން ދޫކޮށްފައިވެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި އޯޕަން ކެޓަގަރީން 18 ފަރާތަކަށް އެސްއެމްއީ ލޯން ލިބިފައިވާއިރު އަށް ފަރާތަކަށް ހިދުމަތް ހޯދުމުގެ ދާއިރާއިން ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި 14 ފަރާތަކަށް ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ދޫކޮށްފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ލޯން ދޫކޮށްފައި ވަނީ 11 ފަރާތަކަށެވެ. އަދި ވޭސްޓުމެނޭޖުމަންޓު ދާއިރާއިން އެއް ފަރާތަކަށް ލޯން ވަނީ ދޫކޮށްފަ އެވެ.
އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.
އިއުލާނުގައި ބުނީ އެސްއެމްއީ ލޯން ސްކީމަކީ 100 ޕަސެންޓު ދިވެހިން ހިއްސާވާ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރެވި، ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވިގެން ކުރިއަށް ގެންދިޔަ ލޯން ސްކީމެކެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައި ވަނީ އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި، އެފަރާތްތަކުގެ އަގުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށާއި، އިމްޕޯޓް ސަބްސްޓިޓިއުޓްކުރާ، ނުވަތަ އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓު ކުރުމުގައި އިސްކަން ދޭނެ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި، ޕްރޮސެސްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށާއި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި، އެހެން ރައްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް ޕްރޮޕޯސަލް އިވެލިއުއޭޓް ކުރުމުގައި އިސްކަން ދޭނެ ކަމަށެވެ.
ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިޢާޔަތްކުރުމަށްފަހު، 6 އަހަރަ ދުވަހަށްވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. އަދި މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިގެން ދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.