އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކެމްޕަހުގައި ދެބުރީގެ އޮފީސް އިމާރާތަކާއި ދަރިވަރުންގެ ޚިދުމަތް ހިމެނޭ ބްލޮކެއް އިމާރާތް ކުރުމަށް 4.6 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ.

ހިތަދޫ ކެމްޕަހުގައި އޮފީސް ބްލޮކަކާއި ދަރިވަރުންގެ ކޮމަންރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫގެ ދަށުން ޚަރަދުކޮށްގެން އަޅާ އެ އިމާރާތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ، ހިތަދޫ ކެމްޕަހުގައި އަޅާ އިމާރާތް ނިމުމުން އެ ކެމްޕަހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުހިއްމީ އިމާރާތް ނޫން ކަމަށާއި، ރަނގަޅު ފެންވަރެއްގެ ޚިދުމަތް ދިނުން ކަމަށެވެ.

ހިތަދޫ ކެމްޕަހުގައި އޮފީސް ބްލޮކަކާއި ދަރިވަރުންގެ ކޮމަންރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުއާވިޔަތު މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"އިމާރާތަކީ ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތަކަށް ވާތީ އިމާރާތްވެސް ކުރަނީ. މައިގަނޑު ފޯކަސް އަކީ އިމާރާތާއި ވަސީލަތްތަކުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން،" މުއާވިޔަތު ވިދާޅުވި އެވެ.

ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށީ ކެމްޕަހުގައިވެސް އިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިދިޔަ ޖުލައި މަހު ބިންގާ އެޅި އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ނިމޭނެ ކަމަށް މުއާވިޔަތު ވިދާޅުވި އެވެ.

އެ މަސައްކަތް ވެސް ކުރަމުން ދަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

ހިތަދޫއާއި ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫއާއި ލ. ގަމުގައި ވެސް އެމްއެންޔޫގެ ކެމްޕަހެއް ހުރެއެވެ.