މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 750،000 ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ޗައިނާ އަށް ނިސްބަތްވާ އެ ފަތުރުވެރިޔާ އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މިއަދު ހެނދުނު މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންފޫކާން އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނެވެ.

750،000 ވަނަ ފަތުރުވެރިޔާ އަށް އައިއެންއައިއޭގައި މަރުހަބާ ކިޔަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޗައިނާ އަށް ނިސްބަތްވާ އެ ފަތުރުވެރިޔާ ރާއްޖެއަށް އައީ އޭނާގެ އަނބިމީހާ އާއި ފަސް އަހަރުގެ ދަރިފުޅު ގޮވައިގެން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން އެ ފަތުރުވެރިޔާ ބުނީ، މިއީ އޭނާ ރާއްޖެއަށް އައި ދެވަނަ ފަހަރު ކަމަށެވެ. ފުރަތަމަ އައީ ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ކަމަށާއި ކައިވެންޏަށް ފަހު ލިބުނު ފުރަތަމަ ދަރިފުޅާ އެކު ރާއްޖެއަށް އައި ދެވަނަ ފަހަރު އެފަދަ "ނަސީބެއް ލިބުމުން ވަރަށް އުފާވާ" ކަމަށެވެ.

އެއީ ރާއްޖެއަށް ޒިޔާރަތްކުރި 750،000 ވަނަ ފަތުރުވެރިޔާ އަށް ވުމުން އޭނާ އަށް ވަނީ ރާއްޖޭގެ ހައިލެވަލް ރިސޯޓެއްގައި ހަތް ދުވަހުގެ ހުރުން ފުލްބޯޑް ޕެކޭޖަކާއެކު ދީފަ އެވެ.

750،000 ވަނަ ފަތުރުވެރިޔާ އަށް އައިއެންއައިއޭގައި މަރުހަބާ ކިޔަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ 750،000 ވަނަ ފަތުރުވެރިޔާ އަށް މިއަދު އައިއެންއައިއޭގައި މަރުހަބާ ކީއިރު، އެ ފަތުރުވެރިޔާ ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އައިކަން އެއީ ހުރިހާ ދިވެހިންނަށް އަދި މޯލްޑިވިއަން އެއާލައިނަށް ލިބޭ އުފަލަކާއި ޝަރަފެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފަތުރުވެރިން އަންނަ އަދަދު މިހާރަށް ވުރެވެސް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ފެއާތަކުގައި ވެސް ބައިވެރިވެ އަހަރުގެ ޓަގެޓަށް ވާސިލްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.