މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަން ޖެހޭ މުއްދަތުގައި ހުށަހަޅައިފައިނުވި ނަމަވެސް، އެ ނިންމުންތައް ބަލައިގަންނަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، ކޮންގްރެސްގެ ނިންމުންތައް ބަލައިގަންނަން ނިންމީ ކޮމިޝަނަށް ލިބުނު ގާނޫނީ ލަފައާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ލީގަލް އެޑްވައިސްއާ ވެސް އެކީގައި ކޮމިޝަނުގެ މެމްބަރުންނަށް އެގޮތަށް ފެނިވަޑައިގަތީ ބަލައިގަންނަން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، ޑީއާރްޕީގެ ކޮންގްރެސްގެ ހުރިހާ ނިންމުންތަކެއް އަދި ލިބިފައިނުވާ ކަމަށާއި ކޮމިޝަނުން ސާފުކުރަން ޖެހޭ މައުލޫމާތުތަކެއް އެބަހުރި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި އެ ނިންމުންތައް ހިމަނާނީ ޑީއާރްޕީއާ އެކު އަންނަ ހަފުތާ ތެރޭ ބައްދަލުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ގިނަ އެއްޗެހި ޑީއާރްޕީން ހުށަހަޅައިފި. ދެން އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެން ޑީއާރްޕީއާ އެކީގައި އަންނަ ހަފުތާ ތެރޭގައި ބައްދަލުކޮށްފައި އެބަހުރި ސާފުކޮށްލަން ޖެހޭ ބައެއް ނުކުތާތަކާ ބައެއް އެއްޗެހި، ސާފުކޮށްފައި ދަފުތަރުގައި ހިމަނާނީ." ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގައި، "ސިޔާސީ ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލުކުރާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަރަރަށް ލިޔުމަކުން އަންގަންވާނެ" އެވެ. ނަމަވެސް ޑީއާރްޕީން އެ ނިންމުންތައް ކޮމިޝަނަށް ހުށަހަޅައިފައިވަނީ މިމަހުގެ ކުރީކޮޅެވެ.

އެހެންކަމުން، ޑީއާރްޕީ އޮތީ "ގާނޫނީ ހުސްކަމެއް"ގެ ތެރެއަށް ވެއްޓިފައި ކަމަށާއި އެ ކޮންގްރެސްގައި އިންތިހާބުކުރި އެއްވެސް މަގާމެއްގަ ބޭފުޅަކު ނުހުންނާނެ ކަމަށް އެ ޒެޑް ފެކްޝަނުން ދަނީ ބުނަމުންނެވެ.