07 Aug 2016, 09:31
ހަލަބް(އޮގަސްޓް 7): ސޫރިޔާގެ ހަލަބްގައި އިދިކޮޅު ޖަމާއަތްތަކާއި ސޫރިޔާ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހަފްތާއެއްގެ ތެރޭގައި 700 އަށްވުރެ ގިނަމީހުން މަރުވެއްޖެ އެތަށް ހާސްބަޔަކު ޒަޚަމްވެއްޖެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމިއްޔާއެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަންރައިޓްސް އިން ބުނީ ހަލަބްގެ ހަނގުމައިގައި މަރުވި މީހުންގެތެރޭގައި ސޫރިޔާ ސިފައިންގެ 70 މީހުން ހިމެނޭ ކަމަށާއި އަދި އިދިކޮޅު ޖަމާއަތްތަކަށް ނިސްބަތްވާ 600 އަށްވުރެ ގިނަ ހަނގުރާމަވެރިންވެސް މަރުވެފައިވާ ކަމުގައެވެ. މީގެއިތުރުން ބައެއް އާންމުންވެސް ފާއިތުވި ހަފްތާތެރޭގައި މަރުވެފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުންވަނީ ހަލަބްގައިވާ އެޖަމާއަތުގެ ސަރަހައްދުތައް ހިސާރުކުރުމަށް މިދިޔަ ހަފްތާގައި ސޫރިޔާ ސިފައިން އެޅި ފިޔަވަޅުތައް ނައްތާލައި ހަލަބުން ބޭރުގައި ތިބި ހަނގުރާމަވެރިންނާއި ހަލަބްގެ އެތެރޭގައި ތިބި ހަނގުރާމަވެރިން ގުޅި އަދި ސަޕްލައިގެ މަގުވެސް އަލުން ހުޅުވުމުގައި ކާމިޔާބު ހޯދިކަމަށް ބުނެފައެވެ.
ހަލަބްގައިވާ އިދިކޮޅު ޖަމާއަތުގެ ސަރަހައްދުތަކާއި ތުރުކީގެ ސަރަހައްދީ ރޮނގު ގުޅުވައިދޭ ކަސްޓެއްލޯ މަގު މިދިޔަ ހަފްތާގައި ސޫރިޔާ ސިފައިން ބަންދުކުރިނަމަވެސް ސޫރިޔާ ސިފައިންނާ ދެކޮޅަށް ފާއިތުވި ހައެއްކަ ދުވަހުކުރި ވަރުގަދަ ހަނގުރާމައިގާ ސޫރިޔާ ސިފައިން ފަހަތަށް ޖެއްސުމަށްފަހު ކަސްޓެއްލޯ މަގުގެ ކޮންޓްރޯލް އަލުން ހޯދާފައިވާ ކަމަށް ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުން ބުނެއެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް މިކާމިޔާބު ލިބުނީ ސޫރިޔާ ސަރުކާރާ އިދިކޮޅު ޖަމާއަތްތަކާ ދެމެދު ސުލްހައިގެ ވާހަކަތައް ޖެނީވާގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ސުލްހައިގެ ވާހަކަތައް ޖެނީވާގައި ފެށޭނީ މިމަހުގެ ފަހުކޮޅުގައި ކަމަށް އދ. ގެ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވަނީ ވިދާޅުވެފައެވެ.
ފަސްއަހަރުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ތިންލައްކަ މީހުން މަރުވެ ދެމިލިޔަނެއްހާ މީހުން ޒަޚަމްވެފައިވާއިރު 8 މިލިޔަން މީހުންގެ ގެދޮރުގެއްލި ރެފިއުޖީންނަށް ވެފައިވެއެވެ. އަދި ސޫރިޔާގެ އިންފްރާސްޓްރަކްޗަރ ހަލާކުވެ އެގައުމުގެ ބޮޑުބައިވަނީ ސުންނާފަތިވެފައެވެ. (ނޫސްއެޖެންސީތައް)