07 Aug 2016, 01:07
އިދިކޮޅު އިއްތިހާދުން މިރޭ ކުރިއަށް ގެންދިޔަ ސައިކަލު ބުރު ހުއްޓުވައި 11 ސައިކަލެއް ޓޯކޮށް 11 މީހެއްގެ ލައިސަންސް އަތުލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި 11 ސައިކަލެއް ޓޯ ކޮށްފައިވާނެ ކަމަށެވެ.
އެ ސައިކަލުތައް ދުއްވަން ތިބި 11 މީހެއްގެ ލައިސަންސްވެސް އަތުލާފައިވާނެ ކަމަށް އިސްމާއިލް އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެކުރިންވެސް ފުލުހުން އަމަލުކުރާ އުސޫލަށް ބަލާއިރު ނުރައްކާތެރި ބާރު މިނުގައި ސައިކަލު ދުއްވުމުން ލައިސަންސް އަތުލައި ސައިކަލު ޓޯކޮށްފައިވާކަން އެނގެން އޮންނާނެ ކަމަށެވެ.
ސައިކަލެއް ފުރަތަމަ ފަހަރަށް ޓޯކޮށްފި ނަމަ ސައިކަލު އަލުން އަނބުރާ ލިބޭނީ ޖޫރިމަނާ 750 ރުފިޔާ ދެއްކުމުންނެވެ. ނަމަވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ޓޯކޮށްފައިވާ ނަމަ ޖޫރިމަނާ ދައްކަން ޖެހޭ އަދަދު ބޮޑުވާނެ އެވެ.