ހައްްޖަށް ދިއުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދިން 2000 ކޯޓާގެ ތެރެއިން 1000 ކޯޓާ ލިބިދާނެ ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް 2000 މީހުންނަށް ހައްޖަށް ދެވޭނެ ކަން ޔަގީންވެއްޖެ އެވެ.

އެއް ހާސް މީހުންނަށް ހައްޖަށް ނުދެވިދާނެ ކަމާމެދު ބިރު ހީވެ ސުުވާލު އުފެދިފައި ވަނީ ރާއްޖެއަށް ލިބިފައި ވަނީ 1000 ކޯޓާ ކަމަށް ބުނެ ސައުދީ ސަރުކާރުން ސަރުކާރާ ވާހަކަތަކެއް ދައްކާފައިވާތީ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހައްޖާ ގުޅޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިސް އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ދިވެހި ސަރުކާރަށް ސައުދީން މިހާރު ޔަގީންކޮށްދީފައިވާ ގޮތުން ރާއްޖެއަށް މިހާރު ލިބިފައި ވަނީ 1000 މީހުންގެ ކޯޓާ ކަމަށެވެ.

އެކަމާ ގުޅިގެން މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ އެންމެ އިސް ފަރާތްތަކުން ފެށިގެން މީޑިއާއާ ހަވާލުވެ ހުންނަވާ ފަރާތްތަކަށް ތަކުރާރުކޮށް ގުޅުމުން ވެސް އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އެބޭފުޅުން އޭރު ވިދާޅުވީ "ކޮމެންޓެއް ނެތް" ކަމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެއްވެސް އިރަކު 2000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމަށް ބުނެފައިނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ފަތުރާފައި ވަނީ މީޑިއާގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާގޮތުގައި އެންމެ ކުރިންވެސް އޮތް ގޮތަށް މި އަހަރު ރާއްޖޭން 2000 މީހުން ހައްޖަށް ދާނެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބުނު ކޯޓާގެ ތެރެއިން 1000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު އެ ކޯޓާތައް ނުލިބުމުގެ މައްސަލަ އެ ކޯޕަރޭޝަންއަށް ވަނީ ދިމާވެފަ އެވެ. ސައުދީ ރަސްގެފާނުގެ ހާއްސަ އިނާއަތުންކަމަށް ބުނެ ކުރިން ދޭން ބުނި ކަމަށް ބުނާ 1000 ކޯޓާ ވަނީ އަމިއްލަ ކުންފުނިތަކަށް ބަހާލާފައެވެ.