ދަރައިވިކިގެން އިއްޔެ އުޅުނު މީހުން މިއަދު އެވަނީ މާލެއިން ބިން ގަނެފައެވެ. ތިންދަޅައިގައި ދުއްވަނީ ތިން ވައްތަރު ކާރެވެ. އެތެރެހައްޓަށްލަނީ އެންމެ އަގުބޮޑު ކާނާއެވެ. އަޅާހެދުމާއި ޖަހާ ސެންޓު ވެރިންގެ ފެންވަރެވެ. ހަރަދުކުރުމުގައި ހައްދެއް މިނެއް ނެތެވެ. ލޯބިވެރިންނާއި ރަހުމަތްތެރިންނަށް ކުދި ހަދިޔާގެ ނަމުގައި އެތައް ލައްކަ ރުފިޔާއެއް ރެއެއްގެ މައްޗަށް އެދަނީ ހަރަދު ކުރަމުންނެވެ. މިފާހަގަކޮށްލި ސިފަތަކުގެ އެތައް ދިވެއްސެއް އެބައުޅެއެވެ. އެއީ އެމީހުންގެ ބުރަ މަސައްކަތުން އާދެވުނު ހިސާބެއް ނޫނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ހަމަ ކުއްލިއަކަށް ލިބުނު މުއްސަނދިކަމެކެވެ.

އެ ސިފަތައް އެކުލެވޭ މީހުންގެ ތެރޭގައި އިހަށްދުވަހަކު ރައްޔިތުންގެ ހައްގޭ ކިޔައިގެން އަޑުގަދަކޮށް މަގާމަށް އިންތިހާބުވި ނިކަމެތި ފަރާތްތައް ހިމެނެއެވެ. މަގާމަށް އިންތިހާބުވި އިރު ހަމައެކަނި އޮތީ ގަދަ އަޑެކެވެ. މިއަދު އެއީ މަހުޖަނުންނެވެ. އެތައް މިލިއަން ފައިސާއާއި އެޕާޓްމަންޓުތަކުގެ ވެރިންނެވެ. އަނބިދަރިން ބޭރުގެ ގައުމުތަކުގައި އަރާމުގައި ގެންގުޅުއްވާ ފަރާތްތަކެވެ.

ދެން މިއުޅޭ އުމުރުން ހަގު ކުދިން އެދަނީ އެންމެ ބޮޑެތި މުއްސަދިންގެ ދިރިއުޅުން އުޅެމުންނެވެ. ރައްޔިތުންގެ މައްޗަށް ނިޔާ ކަނޑައަޅަން ތިބި ފަރާތްތަކަށް ކުރެވޭ ތުހުމަތު ވެސް ކުޑައެއްނޫނެވެ. ހަމައެހެންމެ އަތުންފައިން ބުރަ މަސައްކަތެއް ނުކޮށް ދެ އަންބަށް ނުވަތަ ހަތަރު އަންބަށް މީހުންނާ އިނދެގެން މާލޭގެ އަގު ބޮޑެތި އެޕާޓްމަންޓުތައް ހިފައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ.

ކުއްލި މުއްސަނދިންގެ ވާހަކަ ދެކެވޭއިރު މިއީ ކިހިނެއް ހޯދާ ފައިސާއެއްތޯ ބަލާއިރު ގިނައީ ދައުލަތުގެ ކޮންމެ ވެސް ވަސީލަތެއް ނަހަމަގޮތުގައި ބޭނުންކޮށްގެން މުއްސަނދިވާ ފަރާތްތަކެވެ. އަސާސީ ހައްގުތައް ރައްޔިތުންނަށް ނުދެވިގެންއުޅޭއިރު އެ ފައިސާ ބޭނުންކޮށްގެން ބަޔަކު އެ އުޅެނީ ނިކަން އުފަލުގައެވެ. ނޫނީ ސިޔާސީ ބޭނުމަށް ނަފްސު ކުއްޔަށްދީގެން އުޅޭ އަޑުގަދަ ފަރާތްތަކެވެ. ހަމައެހެންމެ މަސްތުވާތަކެތި ވިއްކުމާއި ހަށިވިއްކުން ފަދަ ނުލަފާ ޖަރީމާތަކުން ފައިސާ ހޯދާ ފަރާތްތައް ވެސް މަދެއްނޫނެވެ. ތަފާތު ފިކުރުތައް ރާއްޖޭގައި ފެތުރުމާއި ޖާސޫސްކުރުން ފަދަ ޖަރީމާތަކުން ބޭރުގެ ފަންޑުން އުޅޭ ފަރާތްތައް ވެސް ގިނައެވެ.

ނުހައްގު މުއްސަދިކަން ބެލޭކަށްނެތް!

އުމުރުން ހަގު ނުވަތަ ބުރަ މަސައްކަތެއް ނުކުރާ މީހަކު ހައިރާން ކުރުވަނިވި ގޮތަކަށް މުއްސަނދިވެގެންދާ ނަމަ ދުނިޔޭގެ އެހެންގައުމުތަކުގައި އެއީ ބެލޭނެ މައްސަލަތަކެވެ. އެ ފައިސާ ހޯދި ގޮތަކާ މެދު ނުވަތަ އެ އަގުބޮޑު މުދާ ހޯދި ގޮތަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އިސްވެ ސުވާލު އުފައްދަ އެވެ.

ރާއްޖޭގައި ނަމަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެފަދަ މާއްދާއެއް އޮވެ އެވެ. އެ ގާނޫނުގެ 160 ވަނަ މާއްދާގައި ބުނަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ފައިސާ ހޯދި ގޮތެއް އޭގެ ވެރިފަރާތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނުދެވިއްޖެ ނަމަ އެ ފައިސާ އާއި މުދާ ދައުލަތަށް ނެގެ އެވެ. ނަމަވެސް ހަމައެކަނި މަސްތުވާތަކެތި ވިއްކައިގެން ވާ މުއްސަނދިކަމުގަ އެވެ. ރައްޔިތުންގެ ވަސީލަތްތައް ވަގަށް ނަގައިގެން ކުރެވޭ ވައްކަމުގައި މިކަމެއްނެތެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަނާއި ނަހަމަ މުއްސަނދިކަން ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ނުހައްގުން މުއްސަނދިވާ މީހުން އެ މީހުން އެ ފައިސާ ހޯދި ގޮތް ސާބިތުކޮށްދޭން ޖެހޭއިރު ރާއްޖޭގައި އެކަން އޮތީ އަނެއްކޮޅަށް ކަމަށް ލުތުފީ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ-- ސަން ފައިލް ފޮޓޯ

"ގާނޫނަކުން ކުށެއް ކަމަށް ބަޔާންކޮށްފައި ނެތީމަ މައްސަލައަކީ، މީހަކާއި ސުވާލެއް ނުކުރެވޭ އޭނާ ލާރި ހޯދީ ކިހިނެއް ކަމެއް،" ލުތުފީ ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަންކޮށް ހަރާން ފައިސާ ބޭނުން ކުރާ މުޖުރިމުން ހުއްޓުވަން ބޭނުންނަމަ މިކަން ކުރާނެ ގާނޫނެއް ހަދަންޖެހެ އެވެ. ނަމަވެސް އެކަމަށް ބޮޑެތި ހުރަސްތަކެއް މިވަނީ އެޅިފަ އެވެ. އެންމެ ބޮޑު ހުރަހަކީ ގާނޫނެއް ނުހެދި ދިގުދެމިގެން ދިއުމެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ގާނޫނުތައް ވެސް ދެކޮޅުނުޖެހޭ!

ގާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުން ވެސް މާލީ ބަޔާން ހުށަހަޅަންޖެހެ އެވެ. ނަމަވެސް އެކަން ވެސް އޮންނަނީ މޮހޮނަށް އޮޑިދޭ އުސޫލުންނެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން މާލީ ބަޔާން ހުށަނޭޅި ނަމަވެސް އެކަމުގައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށެވެ. ގާނޫނުތަކުން އެބާރެއްނުލިބެއެވެ. މަދު ބަޔަކު މާލީ ބަޔާން ހުށަހެޅި ނަމަވެސް އެއީ ހަގީގަތް ކަމެއް ވެސް ބެލޭނެ އެކަށިގެންވާ ނިޒާމެއް ނޯވެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އިންކަމް ޓެކްސް ނުނަގަން އުޅޭ ސަބަބުތަކުގެ ތެރޭގައި ވެސް ކޮރަޕްޝަންތައް ފަޅާއަރާފާނެތީ އެކަން ނުކުރަން އުޅޭކަން ފާހަގަކުރެވެ އެވެ. އިންކަމް ޓެކްސް އެއް ނަގާނަމަ ތަނަވަސް މީހާގެ އާމްދަނީގެ ތަފާސް ހިސާބުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން ކުރި މަސައްކަތެއް ނެތި ކުއްލިއަކަށް ލިބިފައި ހުންނަ ބޮޑެތި ފައިސާގެ އަދަދު ތަކާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް ސުވާލުކުރުމުގެ ފުރުސަތު އޮތްކަމީ ވެސް އެފަދަ ފަރާތްތަކުން އިންކަމް ޓެކުހާ ދެކޮޅު ހަދާ ސަބަބަކަށް ވެދާނެ އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުން ގާތް މީހުން މެދުވެރިކޮށް ފައިސާ އާއި މުދާ ފޮރުވާ ކަމަށް ތުހުމަތު ކުރައްވައި، ޓްރާންސްޕޭރަންސީ އޮފް މޯލްޑިވިސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރުކަން ކުރައްވާފައިވާ އައިމަން ރަޝީދު ވިދާޅުވީ އާންމު އޮފިޝަލުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ އިތުރުން ގާތްތިމާގެ މީހުންގެ މާލީ ބަޔާންތައް ހަމަޖެއްސުމަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

މިކަންވާނީ ކިހިނެއް؟

ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ބޭނުންނަމަ ހަރުދަނާ އުސޫލް ތަކެއް ވަރަށް މުހިންމެވެ. ފައިސާއިން ކޮންމެ ކަމެއް ހަމަޖެއްސޭނަމަ ފަސާދަ ނުހުއްޓުވޭނެއެވެ. އެހެންކަމުން އެންމެ މުހިންމީ އެކަށީގެންވާ ގާނޫނުތަކަކާ ގަވައިދުތަކެވެ. މިކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކުރާން ޖެހެ އެވެ.

އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ އެކޮމިޝަން އުފެދުނީއްސުރެ އެފަދަ ގާނޫނެއް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެތައް ފަހަރަކު ގާނޫނަށް ވެސް އެ އިސްލާހް ހުށަހެޅި ކަމަށެވެ. ނަމަވެސް އަމަލީ އެއްވެސް ސިފައެއް ނާންނަ ކަމަށް ވިދާޅުވިއެވެ.

"މަޖިލިސް މެމްބަރުންގެ އަތްޕުޅު މަތީގައި މި މައްސަލަ އޮތީ، އެމީހުން އެފަދަ ގާނޫނެއް ނުހަދާ،" ލުތުފީ ވިދާޅުވިއެވެ.

މައްސަލަ ވަރަށް ސާފެވެ. ކޮރަޮޕްޝަން އާންމުވަމުންދާ މުޖުތަމައަކަށް ގައުމު ވަނީ އެވެ. ތެދުވެރިކަމުގެ ސިފަ ނެތެމުން ދަނީ އެވެ. މަދަނިއްޔަތުގެ ވަށައިގެން އެނބުރޭ މީހުންތައް ގިނަ ވަނީ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ މޫނުމަތީގެ ރީތިކަން ގެއްލި ދަނީ އެވެ.

ހައްލަކީ އެކަށޭނަ ގާނޫނީ ނިޒާމެކެވެ. އެ ފަދަ ނިޒާމެއް ގެނެސްދެއްވޭނީ ރައްޔިތުންގެ މަޖިލީހުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކޮށްދެއްވައިގެނެވެ. އެހެން ނޫން ނަމަ ކޮރަޕްޝަންގެ މޫ ގައުމުގެ ބިމުން ލުހެލަން ފަސޭހައެއް ނުވާނެ އެވެ.