06 Aug 2016, 15:52
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފުޓްބޯޅަ އެކަޑަމީގެ ސްޕޮންސަރަކަށް އެލް މޯބައިލް ހަމަޖައްސައި، މާލޭގެ އިތުރުން ހަތަރު ރަށެއްގައި އެ ކްލަބުގެ އެކަޑަމީތައް ކުރިއަށްގެންދަން ނިންމައި އެ ރަށްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މާޒިޔާގެ އެކަޑަމީ ނުވަތަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ސްޕޮންސަރެއްގެ ގޮތުގައި އެލް މޯބައިލް ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެކަޑަމީގެ ސްޕޮންސަރަކަށް އެލް މޯބައިލް ހަމަޖައްސައި، އެ ކްލަބުގެ އެކަޑަމީތައް ކުރިއަށްގެންދާ ރަށްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެއްބަސްވުމުގައި މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ޗެއާމަން އަހްމަދު ސާޖިދު އެވެ. އަދި އެލް މޯބައިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރެވެ. މާޒިޔާ އާއި އެލް މޯބައިލްއާ ދެމެދު ސޮއިކުރެވުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މާޒިޔާގެ އެކަޑަމީތައް ހިންގުން ހަވާލުކޮށްފައިވަނީ އިބްރާހިމް ޝާފިއުއާ އެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެކަޑަމީތައް ހިންގާ ހަތަރު ރަށާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
މާޒިޔާ އިން މާލޭގެ އިތުރުން އެކަޑަމީތައް ހިންގުމަށް ނިންމާފައިވާ ހަތަރު ރަށަކީ ނ. ހޮޅުދޫ އާއި، ރ. ދުވާފަރާއި، ބ. ތުޅާދޫ އަދި ހދ. ނޮޅިވަރަމްގައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެކަޑަމީގެ ސްޕޮންސަރަކަށް އެލް މޯބައިލް ހަމަޖައްސައި، އެ ކްލަބުގެ އެކަޑަމީތައް ކުރިއަށްގެންދާ ރަށްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ، އެ ރަށްތަކުގައި ވަރަށް އަވަހަށް އެކަޑަމީތައް ހިންގަން ފެށޭނެ ކަމަށާއި އެ ރަށްތަކަކީ އެކަޑަމީތައް ހިންގުމަށް އެދުނު ހަތަރަ ރަށް ކަމަށެވެ.
"މާޒިޔާގެ ކޯޗުން އެ ރަށްތަކަށް ޒިޔާރަތްކޮށް، ކޯޗުން ތަމްރީންކުރާނެ. އޭގެ އިތުރުން މާޒިޔާގެ ސީނިއާ ޓީމުގެ ކުޅުންތެރިން ވެސް ދަތުރުތަކުގައި ބައިވެރިވާނެ. ފުރަތަމަ ފަށާއިރު ކޮންމެ ރަށެއްގެ އެކަޑަމީގައި 50 ކުދިން ތިބޭނެ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަޑަމީތަކުގައި ބޭނުންކުރާ ޖާޒީ ވެސް ވަނީ ދައްކާލައިފަ އެވެ.