06 Aug 2016, 16:09
އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުވުމުގެ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެންރިޗްމަންޓް ކްލާސްތަކެއް ނަގައިދޭން ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގުޅުވާލައިގެން މިދިޔަ ޖުލައި މަހުގެ 24 އިން ފެށިގެން އަންނަ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކްލާސްތަކުގައި ކިޔަވައިދެއްވާނީ އެ މާއްދާއަކަށް އެންމެ ގާބިލު ޓީޗަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ކްލާސްތަކަކީ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުވައި، އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުންނާއި އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ.

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ސްކޫލްގައި ކިޔަވައިދެނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓްރީ އާއި ބ. ޓީއާރުސީ ގުޅުވާލައިގެން މިދިޔަ ޖުލައި 24 ވަނަ ދުވަހު އެކައުންޓިން މާއްދާގެ ކްލާހެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ކްލާހުގައި ކިހާދޫ ސްކޫލާއި މާޅޮހު ސްކޫލާއި ކެންދޫ ސްކޫލާއި ދޮންފަނު ސްކޫލާއި ބ. އަތޮޅު ސްކޫލްގެ އިތުރުން ގޮއިދޫ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު ސްކޫލުގެ 32 ދަރިވަރަކަށް ކެމިސްޓްރީ ކްލާހެއް ނަގައިދެވިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ. އަދި މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދޮންފަނު ސްކޫލާއި ހިތާދޫ ސްކޫލާއި ކެންދޫ ސްކޫލާއި ކުޑަރިކިލު ސްކޫލް އަދި ކަމަދޫ ސްކޫލުގެ 50 ދަރިވަރަކަށް އިނގިރޭސި ކުލާހެއް ވެސް ނަގައިދީފަ އެވެ.

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ސްކޫލްގައި ކިޔަވައިދެނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
ބ. އަތޮޅު ސްކޫލްތަކުގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި އައްޑު އަތޮޅު ހިތަދޫ ސްކޫލުގެ 37 ދަރިވަރަކަށް ދިވެހި ކްލާހެއް ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަގައިދީފައިވެ އެވެ.
ބ. އަދި އައްޑޫ އަތޮޅުގެ އިތުރުން ނ. ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކަށް ވެސް އެންރިޗްމަންޓް ކްލާސްތައް ނަގައިދިނުމަށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެ އެވެ.