ރ. ރަސްގެތީމު ސްކޫލްގެ ބެލެނިވެރިން ނުކުމެ މުޒާހަރާ ކުރުމަށް ފަހު އެ ސްކޫލްގައި ބޮޑުތަޅުއަޅުވައި ބަންދުކޮށްފި އެވެ. ރަސްގެތީމް ސްކޫލްގެ ޓީޗަރެއް ކަމަށްވާ އަލީ ނަސީރު ވިދާޅުވީ މިއަދުގެ ކިޔެވުން ނިމި ދަރިވަރުން ގެއަށް ދިއުމާ އެކު ބެލެނިވެރިން ވަނީ ސްކޫލް ދޮށަށް އެއްވެ އަޑުގަދަ ކުރަން ފަށައި، އެންމެ ފަހުން ސްކޫލް ތެރެއަށް ވެސް ވަދެ ގަނެފަ އެވެ.

"އަޅުގަނޑަކަށް އަސްލު ނޭނގޭ ބެލެނިވެރިންގެ ޑިމާންޑަކީ ކޮބައި ކަމެއް، ނަމަވެސް ސްކޫލްގައި މިވަގުތު ޕްރިންސިޕަލްއެއް ނެތް މައްސަލައަކީ ވެސް ބެލެނިވެރިން ކަންބޮޑުވާ މައްސަލައެއް،" ނަސީރު ވިދާޅުވި އެވެ.

ސްކޫލް ބަންދުކުރި ބެލެނިވެރިންގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުނީ ރަސްގެތީމު ރައްޔިތުން އެ ރަށު ސްކޫލް މި ބަންދު ކުރީ ސްކޫލްގެ ހިންގުން ރަނގަޅު ނުވެގެން އެތައް އަހަރެއް ވަންދެން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާގެ ސިޓީތަކާއި ޕެޓިޝަންތައް ވެސް ފޮނުވުމަށް ފަހުގަ އެވެ.

"އަޅުގަނޑުމެން މިހާރު މި މައްސަލައިގާ ހިތްހަމަ ނުޖެހިގެން އުޅޭތާ 15 އަހަރު މިވީ. މި ރަށު ސްކޫލަކީ ކުރިން 350 ކުދިން ތިބި ސްކޫލެއް. މިތަން ހިންގުން ސަކަރާތްކަމުން ކައިރި ރަށްރަށުގެ ސްކޫލްތަކަށް ގެންގޮސް ގެންގޮސް މިހާރު ސްކޫލްގައި މިތިބީ 90 ވަރަކަށް ކުދިން. މީ މައްސަލައަކީ،" ސްކޫލްގައި ތަޅު އެޅުވީ ކީއްވެތޯ އަހާލުމުން ރަސްގެތީމުގެ ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނީ ރަސްގެތީމު ސްކޫލްގައި ޕްރިންސިޕަލަކު ނުހުރުމާއި ހިންގަވަން ހުންނެވީ މާކުރީގެ އުމުރުން ދުވަސްވީ ބޭފުޅަކަށް ވުމަކީ ވެސް ބެލެނިވެރިން އެންމެ ހިތްހަމަ ނުޖެހޭ އެއްކަންތައް ކަމަށެވެ. އަދި މިއަދު ސްކޫލްގައި ބޮޑުތަޅު އެޅުވީ ސްކޫލްގެ ހިންގުން ރަނގަޅު ބޭފުޅަކާ ހަވާލުކޮށް ދެއްވުން އެދި ތަކުރާރުކޮށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުމުން ވެސް އެކަމަށް އެއްވެސް އަލިމަގެއް ނުދެއްކުމުން ކަމަށެވެ.

ރަސްގެތީމު ރަށު ކައުންސިލުން ބެލެނިވެރިންނަށް މިހާރު ޖަވާބެއް ދީފައިވާ ކަމަށާއި އެޖަވާބާ ގުޅިގެން ވަގުތީ ގޮތުން މިހާރު ސްކޫލް ހުޅުވައި މުޒާހަރާ ވެސް ހުއްޓާލާފައިވާ ކަމަށް ރަސްގެތީމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިހާރު އަޅުގަނޑުމެން ނަށް ޖަވާބު ދީފި އަންނަ އާދީއްތަ ދުވަހަށްވާ އިރަށް ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި އައު ބޭފުޅަކު ފޮނުވައިދޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަން ވޭތޯ ބަލަން އާދީއްތަ ދުވަހާ ހިސާބަށް ބެލެނިވެރިން މަޑުކުރާނެ ކަމަށެވެ.