06 Aug 2016, 15:24
އައިވާ (އޮގަސްޓް 6) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަރުކަށި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް، ޖަޕާނާއި ޖަރުމަނާއި ދެކުނު ކޮރެޔާއާ އަދި ސައޫދީ އަރަބިޔާއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައިފިއެވެ.
އެމެރިކާގެ އައިވާ ސްޓޭޓްގައި ބޭއްވި ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ފުރަތަމަ ހަމަލާދެއްވީ އެމެރިކާގެ ބައިވެރިއެއްކަމަށްވާ ޖަޕާނަށެވެ. ޖަޕާނަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޖަޕާނަށް ބޭރުގެ އުދުވާނެއް ކުރިމަތިވެއްޖެނަމަ ޖަޕާނުގެ ދިފާއުގައި ހަނގުރާމަކޮށްދީ ޖަޕާން ޙިމާޔަތްކޮށްދޭން ޖެހެނީ އެމެރިކާއަށް ކަމަށާއި ނަމަވެސް އެމެރިކާއަށް ބޭރުގެ ފަރާތަކުން ހަމަލާއެއް އަތުވެއްޖެނަމަ އެމެރިކާގެ ދިފާއުގައި ޖަޕާނުން އެއްކަމެއްވެސް ކުރަން ނުޖެހޭ ކަމީ ހެއްވާ ކަމެއްކަމުގައެވެ. މިގޮތުން އެމެރިކާގެ ރައްޔިތުން އަމިއްލަ ނަފުސުގެ ދިފާއުގައި ހަނގުރާމަ ކުރާއިރު ޖަޕާން މީހުން ސޮނީ ޓީވީ ބަލަން އެމިހުންގެ ގޭގެ އަރާމު ސޯފާތަކުގައި ތިބޭގޮތަށް އޮންނަ އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.
ދެވަނަ ބޮޑުހަނގުރާމައިގައި އަމާންދިނުމަށް އެމެރިކާ ޖަޕާނަށް މަޖްބޫރު ކުރުވީ އެޓޮމްބޮމުގެ ހަމަލާތައްދީ ޖަޕާނުގެ ތިން ލައްކައަށް ވުރެ ގިނަމީހުން އެއްފަހަރާ މަރާލުމުގެ ބިރުވެރި ޖަރީމާއެއް ހިންގައިގެންނެވެ. މިޖަރީމާ ހިންގައިގެން ޖަޕާން ބަލިކޮށް މައިތިރި ކުރުމަށްފަހު ޖަޕާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އަމާންދިނުމުގެ އެއްބަސްވުން ބިނާކޮށްފައިވަނީ ޖަޕާނުގެ އޭރުގެ ސިފައިންގެ ލަޝްކަރުތައް ނައްތާލުމަށް ފަހު ޖަޕާނުގެ ދިފާއުކޮށްދިނުމުގެ ކަންތަކާ އެމެރިކާ ހަވާލުވުމުގެ މައްޗަށެވެ.
އެއަށްފަހު ޖަޕާނުގެ ދިފާއުގައި އެމެރިކާގެ 74 ހާސް ސިފައިންގެ ލަޝްކަރެއް ބަރުހަތިޔާރާ އެކު ޖަޕާނުގައި ރުކުރުވާލާފައި ވެއެވެ. މިއާއެކު ޖަޕާނުގައި އަލަށް ގާއިމްކުރި ސިފައިންގެ ލަޝްކަރަކީ ނިސްބަތުން ވަރަށްކުޑަ އަދި އާދައިގެ ހަތިޔާރު ގެންގުޅޭ ލަޝްކަރެކެވެ.
ޖަޕާނަށްފަހު ޓްރަމްޕްގެ ބަހުގެ ހަމަލާތައް ރައްދު ކުރެއްވީ އެމެރިކާގެ އަނެއް ބައިވެރިޔާ ކަމަށްވާ ޖަރުމަނަށެވެ. ޖަރުމަނާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ޖަރުމަނުގެ ހިމާޔަތުގައި މަސައްކަތް ކުރަން ނުޖެހޭ ކަމަށާއި ޖަރުމަނުން ފައިސާ ލިބޭގޮތަށް މެނުވީ ޖަރުމަނަށް އެއްވެސް ކަމެއް ކޮށްދޭން ނުޖެހޭ ކަމުގައެވެ. އެމެރިކާއިން ޖަރުމަނުގެ ހިމާޔަތުގައި ނޭޓޯއަށް ކުރާ ބޮޑު ޚަރަދާ އަޅައި ބަލާއިރު ޖަރުމަނުން ނޭޓޯއަށް ވަރަށް ކުޑަ ޚަރަދެއް ނޫނީ ނުކުރާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ދެކުނު ކޮރެޔާއަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕް ވިދާޅުވީ ދެކުނު ކޮރެޔާއިން ޚަރަދު ނުދޭނަމަ އެގައުމުގެ ދިފާއުގައި އެމެރިކާ މަސައްކަތް ކޮށްގެން ނުވާނެކަމުގައެވެ.
އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އެންމެ ބޮޑުބައިވެރިޔާ ކަމަށްވާ ސައޫދީ އަރަބިޔާއަށް ބަހުގެ ހަމަލާ ދެއްވަމުން ޓްރަމްޕް ވިދާޅުވީ ސައޫދީ އަކީ އެގައުމުގެ ޝާހީ އާއިލާގެ ހިމާޔަތުގައި އެމެރިކާ ކޮށްދޭ މަސައްކަތްތަކުގެ އަގު އެއްވެސް ވަރަކަށް އަދާނުކުރާ ގައުމެއް ކަމުގައެވެ. އެހެންކަމުން އެމެރިކާގެ އަމިއްލަ ޚަރަދުގައި ސައޫދީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރަން ނުޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ހިމާޔަތް ލިބޭ ގައުމުތަކުން އެމެރިކާއަށް އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ލިބެންޖެހޭ ކަމަށާއި އެވަރަށް ފައިސާ ނުދީ އެމެރިކާގެ ޙިމާޔަތް އެގައުމު ތަކަށް ދޭ މައްސަލާގައި ކަންބޮޑުވާކަން ހާމަކުރައްވައި ވާހަކަ ދައްކަވާފައެވެ.
އެމެރިކާ އިން ޖަޕާނާއި ޖަރުމަނާއި ދެކުނު ކޮރެޔާ އަދި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކަށް ހިމާޔަތް ދިނުމުގެ ސިޔާސަތު ގެންގުޅެނީ އެގައުމުތަކުގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކަށް އަތް ގަދަ ކުރުމާއި ހަންފެތުރުމުގެ މަގްސަދުގައެވެ. (ނޫސްއެޖެންސީތައް)