06 Aug 2016, 14:50
އޭޑީކޭ ހޮސްޕިޓަލްގައި މިމަހުގެ ފުރަތަމަ ދުވަހު ޚިދުމަތްދޭންފެށި އިންޑޯކްރައިން ލެބްގެ ޚިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ޚިދުމަތް ހޯދަމުންދާ އާންމުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމަށާއި، އެ ލެބުން ޚިދުމަތައް ދެމުން އަންނަތާ ހަފްތާއަކާ ކައިރިވެފައިވާ އިރު އެވެރެޖެކޮށް ދުވާލަކު ހަތަރެއް ނުވަތަ ފަސް މީހުން ޚިދުމަތް ހޯދަމުން އަންނަ ކަމަށެވެ.
އަގުތަކާ މެދު އާއްމުންގެ ފަރާތުން ޝަކުވާއެއް ނުލިބޭ ކަމަށާއި، ރާއްޖެއިން ބޭރުން އެފަދަ ޚިދުމަތެއް ހޯދުމަށް ދާނަމަ ބޮޑު ޚަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ، އާސަންދައިގެ ދަށުން އަދި އެ ޚިދުމަތް ލިބެން ނެތް ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެ ހިދުމަތުގެ ބައެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ލެބޯޓެރީއިންދޭ ޚިދުމަތްތަކުގެ އަގު އުޅެނީ 200 ރުފިޔާއިން ފެށިގެން 1600 ރުފިޔާއާ ދެމެދުގަ އެވެ. އޭޑީކޭ އިން ބުނިގޮތުގައި 97 ޕަސަންޓު ޚިދުމަތްތަކުގެ އަގު އެއްހާސް ރުފިޔާއަށްވުރެ ކުޑަވާނެ އެވެ.
އަފްއާލް ވިދާޅުވީ ރާއްޖޭގައި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން އިތުރުވަމުން ދާއިރު އެފަދަ ލެބެއްގެ ޚިދުމަތްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
"ޑައިބެޓިކްސް ކަހަލަ ބަލިތައް ރާއްޖޭގަ އިތުރުވަމުން ދާއިރު މިފަދަ ލެބަކުން ދުރާލާ ޓެސްޓުތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް،" އަފްއާލް ވިދާޅުވި އެވެ.
އެންޑޯކްރައިން ލެބޯޓަރީގައި ހަދާ ޓެސްޓު ތަކަކީ ލޭ ނުވަތަ އެހެން ފްލުއިޑެއް ނުނަގާ ބަލިމީހާގެ ހަށިގަނޑުގައި އެވަގުތަކު ހިނގަމުންދާ ފަންކްޝަންއެއް މެޝާކުރުމުގެ ގާބިލްކަން ލިބިގެންވާ ލެބޯޓެރީއެކެވެ.