06 Aug 2016, 13:45
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ބިލު ދިރާސާކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ އުސޫލުތަކާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާއްމުންގެ މަޝްވަރާއާ ނުލައި އަދި މަޖިލީހުގެ އުސޫލަތާ ޚިލާފުވާ ގޮތަށް އަބުރުގެ ބިލު އަވަސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ ނިމުމަކަށް ގެނައުން އަވަސް ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.
އެމްޑީޕީން އެހެން ބުނެފައި ވަނީ އަބުރުގެ ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށާއި އެކި މުއައްސަސާތަކަށް ހުޅުވާލި ފުރުސަތު ބަންދު ކުރުމަށް އެމައްސަލަ ދިރާސާކުރާ ކޮމެޓީން ނިންމާފައި ވަނިކޮށެވެ.
އަބުރުގެ ބިލާ ބެހޭ ގޮތުން ދެން އިތުރަށް މަޝްވަރާ ހޯދުމަށް ބައްދަލުނުކުރަން ކޮމެޓީން ނިންމީ ފިގުހު އެކަޑަމީއާ ބައްދަލު ކުރުމަށްފަހު، ބިލަށް ތާއިދު ކުރަން އެކަޑަމީން ނިންމުމާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝެއިހު އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. ޝެއިހް ރަޝީދު ވިދާޅުވީ އިސްލާމީ ގައުމުތަކަށް ބަލާއިރު އަބުރާ ބެހުން އޮންނަނީ ޖިނާއީ ކުށެއްގެ ގޮތުގައި ކަމަށެވެ.
"އަބުރުގެ މައްސަލަ މި އަންނަނީ އިސްލާމްދީނުގައި މަގާސިދުލް ޝަރީއާގައި ހިމެނޭ ފަސްކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި. އެއް ކަމަކީ ދީން ރައްކާތެރި ކުރުން އަނެއް ކަމަކީ ނަފްސު ރައްކާތެރި ކުރުން. އަނެއް ކަމަކީ މުދާ ރައްކާތެރިކުރުން. އަނެއް ކަމަކީ އަބުރު ރައްކާތެރިކުރުން. ދެން އޮތް ކަމަކީ ބުއްދި ރައްކާތެރި ކުރުން،" ޝެއިހް ރަޝީދު ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.