ޖަކާޓާ (އޮގަސްޓް 6): ސިންގަޕޫރަށް ހަމަލާ ދޭން ރޭވި އިންޑޮނޭޝިއާގެ ހަ މީހުން އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނި ގޮތުގައި 19 އަހަރާއި 46 އަހަރާ ދެމެދުގެ ހަ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ސިންގަޕޫރުގެ ދެކުނަށްވާ ގޮތަށް އޮންނަ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބަތަމް އިންނެވެ. އެމީހުން ރާވަމުން ދިޔައީ ބަތަމް އިން ސިންގަޕޫރުގެ މެރީނާ ބޭއަށް ރޮކެޓް ހަމަލާއެއް ދޭން ކަމަށް ފުލުހުން ބުންޏެވެ.

އިންޑޮނޭޝިއާ ފުލުހުންގެ ތަރުޖަމާނު ބޯއި ރަފްލީ ވަނީ ފުލުހުން މިހާރު ދަނީ ހައްޔަރުކޮށްފައިވާ މީހުންނާއި ޖަކާޓާއަށް މިއަހަރު ތެރޭ ދިން ހަމަލާތައް ރޭވި ހަނގުރާމަވެރިއެއް ކަމަށްވާ ބަހުރުއްނައީމާއި ގުޅުމެއް ވޭތޯ ބެލުމަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސިންގަޕޫރުގެ އޮފިޝަލުން ވަނީ ހަމަލާ ރޭވުމާ ބެހޭ ގޮތުން އެނގިފައިވާ ކަމަށާއި ސިންގަޕޫރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)