ގ. ސާލިމިއްޔާ ގޭގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ސަބަބުން އެގޭގައި ކުއްޔަށް ދިރިއުޅެމުންދިޔަ އާއިލާތަކާއި އެގޭގެ ވެރިން ހިމެނޭ ގޮތުން 40 މީހުން ހާލުގައި ޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހީމް ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މިއަދު މިހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 40 މީހުން ވަނީ ހާލުގައި ޖެހިފައި. އަޅުގަނޑުމެން މިގެންދަނީ އެމީހުންނަށް އެހީވުމަށް މަސައްކަތްކުރަމުން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން އެމީހުންނަށް ދަތިވެފައިވާ ކަންތައްތައް ބަލައި ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމީހުންނަށް ގޮތެއް ފެންނަން ދެން ވަގުތީ ގޮތުން ތިބުމަށް ސޯޝަލް ސެންޓަރު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސޯޝަލް ސެންޓަރުގައި ތިބުމުގެ ކަންތައްތައް ހަމަޖައްސައިދޭނީ އެމީހުން އެކަމަށް އެދި އެއް ބަސްވާ ނަމަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ސާލިމިއްޔާ ގޭގައި ދިރިއުޅޭ ގިނަ މީހުންނަކީ އެގޭގެ އެކި ބައިތައް ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ވާތީ ތަނެއް ކުއްޔަށް ހިފައި އަންނަ މަހު ގޮތެއް ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދު ހެނދުނު 9.30 އެހާކަންހާއިރު ގ. ސާލިމިއްޔާ ގޭގައި ރޯވި އަލިފާން ނިއްވާލެވުނު އިރު އެގެ ވަނީ މުޅިން ހެން އަނދާ ހުލިވެފަ އެވެ.