ކޮކްރާޖްހަރު (އޮގަސްޓް 6): އިންޑިއާގެ އިރުއުތުރުގައި އޮންނަ އައްސާމުގެ މާރުކޭޓެއްގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު އިއްޔެ ބަޑިން ހަމަލާދީ 13 މީހަކު މަރާލައިފި އެވެ.

އައްސާމުގެ ކޮކްރާޖްހަރުގެ ރަށްބޭރުގައި ހުރި މާރުކޭޓަކަށް ދިން އެހަމަލާގައި އާއްމުންގެ އިތުރުން ހަމަލާ ދިން އެކަކު މަރުވި ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން މިހާރު ދަނީ ހަމަލާ ދިނުމަށް ފަހު ފިލި ފަސް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ބަޑި އާއި އަތު ބޮމެއް ބޭނުން ކޮށްގެން ދިން އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވި ނަމަވެސް ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެހަމަލާ ދީފައި ވަނީ ޣައިރުގާނޫނީ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ޑިމޮކްރެޓިކް ފްރޮންޓް އޮފް ބޯޑޯލޭންޑު (އެންޑީއެފްބީ) އިންނެވެ.

އެންޑީއެފްބީން މަސައްކަތް ކުރަމުން ދަނީ އައްސާމުން ބޯޑޯ ދަރިކޮޅުގެ މީހުންނަށް މިނިވަން ދައުލަތެއް ހޯދުމަށެވެ. އަދި 2014 ވަނަ އަހަރު އެޖަމާއަތުން ވަނީ ދެއަވަށަކަށް ހަމަލާދީ 62 މީހަކު މަރާލާފަ އެވެ. (ބީބީސީ)