06 Aug 2016, 09:33
އެމެރިކާ އަންހެނަކު ރޭޕް ކުރިކަން ސާބިތުވި "ޕީޕްލީ ލައިވް" ގެ ޑައިރެކްޓަރު މުހައްމަދު ފާރޫގީ ހަތް އަހަރަށް ޖަލަށް ލާން ނިއު ދިއްލީގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
ފާރޫގީގެ މައްޗަށް ރޭޕުގެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު، ފާރޫގީގެ ގޭގައި، އުމުރުން 35 އަހަރުގެ އެމެރިކާ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ހުށަހެޅި އެމެރިކާގެ އަންހެން މީހާއަކީ ކޮލަމްބިއާ ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭނާ 2014 ވަނަ އަހަރު އިންޑިއާ އަށް އައީ ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރާސާ އެއް ކުރުމަށެވެ.
އަންހެން މީހާ އާއި ފާރޫގީއާ ބައްދަލުވީ އެ ދިރާސާ އަށް މައުލޫމާތު އެއްކުރުމުގެ ތެރެއިން ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. ފާރޫގީ އޭނާ ރޭޕް ކޮށްފައި ވަނީ 28 މާޗު ވަނަ ދުވަހުގެ ރޭ ފާރޫގީގެ ގޭގައި އޮތް ޕާޓީ އަކަށް ފަހު ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.
މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމަށްފަހު ފާރޫގީގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ހުކުމް ކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.
ފާރޫގީގެ މައްޗަށް ސާބިތުވި ދައުވާއަށް އަދަބު ކަނޑައެޅުމަށް ބޭއްވި ފަހު ޝަރީއަތުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އޭނާގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އަދި 50،000 ރުޕީޒް އިން ފާރޫގީ ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
ފާރޫގީގެ މައްޗަށް ކުރި ދައުވާ އަށް އޭނާ އިންކާރު ކޮށްފައި ވާއިރު، ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އޭނާގެ ފަރާތުން ވަނީ ނިންމައިފަ އެވެ.