ދުނިޔޭގެ އެންމެ ބޮޑު ކުޅުވަރު އީދު ބްރެޒިލްގެ ރިއޯ ޑި ޖެނީރާގައި ފަށާފައިވާ އިރު 206 ގައުމަކުން ވަނީ އެތައް ސަތޭކަ އެތުލީޓުން ބައިވެރިވެފައެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ 10 އެތުލީޓުންގެ މައްޗަށް ހިމެނޭ ރެފިއުޖީންގެ ޓީމްގެ ދިދަ އުފުލާލި ޒުވާން ފެތުންތެރިއާ ޔުސްރާ މާޑިނީ އަށެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބިކަވެފައިވާ ޔުސްރާ އާއި އޭނާގެ ދައްތަގެ އިތުރުން 20 މީހުންނާ އެކު ޑިންގީ އެއްގައި މާކަނޑަށް ނިކުތީ ސަލާމަތުގެ އައްސޭރިއަކަށް ވާސިލު ވުމަށެވެ.

ޔުސްރާ: އޭނާ ވަނީ ތިން ގަޑިއިރާއި ތިރީސް މިނެޓް ކަނޑުގައި ފަތާފައި --- ފޮޓޯ: ރޮއިޓާސް

ހަ މީހުންގެ ޖާގައިގެ ކުޑަ އިންޖީނެއްލާފައިވާ އެ ޑިންގީގައި 20 މީހުންނާ އެކު ގްރީސްގެ ލެސްބޮސް އަށް ދާން ދަތުރު ފެށިތާ ތިރީސް މިނެޓްފަހުން ޑީންގީގެ އިންޖީނު ހަލާކުވެ ދިޔަވާން ފެށުމުން އެއްބަޔަކު ޑިންގީއިން ފައިބަން މަޖުބޫރުވެއްޖެއެވެ. ނަމަވެސް އޭގެ ތެރެއިން ގަނަބަޔަކީ ފަތަން ދަންނަ ބަޔަކަށް ނުވުމުން އުމުރުން އެންމެ 18 އަހަރުގެ ޔުސްރާ އިސްވެ މޫދަށްފުންމާލައި އިތުރު ހަތަރު ބައިވެރިންނާއި އެކު މޫދުގައި ފަތާފަ 20 މީހުންގެ ފުރާނަ ސަލާމަތް ކުރީއެވެ.

"އަހަރެމެން ހަތަރު މީހުންނަށް އެކަނި ފަތަން އިނގެނީ. އެހެންވެ މޫދަށް ފުންމާލައިގެން އެންމެންގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސަތްކަތް ކުރީ. ހަތަރު ބައިވެރިންގެ ތެރެއިން އަނެއް ތިން ބައިވެރިން ޑިންގީގެ ވަށައިގެން އަތުރާލުމަށް ފަހު އަހަރެން ދިޔައީ ޑިންގީގެ ކުރިއަށް،" ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ.

ޔުސްރާ ރިއޯގައި ފަރިތަކުރަނީ: އޮލިމްޕިކްސްގައި އޭނާ ވާދަކުރާނީ އަންހެނުންގެ 100 މީޓަރު ބަޓަފުލައި އަދި ފްރީސްޓައިލް ހީޓްގައި --- ފޮޓޯ: އޭޕީ

ޔުސްރާ ބުނީ ތިން ގަޑިއިރާ ތިރީސް މިނެޓް އޭނާ މޫދުގައި ހޭދަކުރީ ޑިންގީގެ ކުރީގައި ވާގަޑެއް އެއްސުމަށް ފަހު އެއްއަތުން ވާގަޑުގައި ހިފުމަށްފަހު އަނެއް އަތާއި ދެފައިގެ އެހީގައި ފެތުމަށެވެ.

އަންހެނުންގެ 100 މީޓަރު ބަޓަފުލައި އަދި ފްރީސްޓައިލް ހީޓްގައި ބައިވެރިވާ ޔުސްރާ ބުނީ ރިއޯގައި އޭނާގެ އަމިއްލަ ގައުމުގެ ދިދަ އުފުލާލުމުގެ ނަސީބު ނުލިބުމުން އެކަމާ ކޮންމެ ވެސް ވަރަކަށް ދެރަވާ ކަމަށާއި ނަމަވެސް އެންމެ އުފާވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅެމުންދާ ރެފިއުޖީންގެ ފަރާތުން ދިދަ އުފުލާލަން ލިބުމުން ކަމަށެވެ.

ޔުސްރާ ރިއޯގައި ފަރިތަކުރަނީ: އޮލިމްޕިކްސްގައި އޭނާ ވާދަކުރާނީ އަންހެނުންގެ 100 މީޓަރު ބަޓަރފުލައި އަދި ފްރީސްޓައިލް ހީޓްގައި --- ފޮޓޯ: އޭޕީ

"ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަޑު އިވެމުންދަނީ ރެފިއުޖީންނަކީ އެއްވެސް އަގެއް ނެތް ބަޔެކޭ. ނަމަވެސް އަހަރެމެން ރެފިއުޖީންގެ ޓީމް މި ސާބިތުކޮށްދެނީ އަހަރެމެންނަކީ ވެސް އެހެން އެތުލީޓުންނެކޭ އެއްފެންވަރެއްގައި ވާދަކުރެވޭނެ ބައެއްކަން،" ޔުސްރާ ބުންޏެވެ.

ޔުސްރާ ރިއޯގައި: އޭނާ އަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފަ --- ފޮޓޯ: އޭޕީ

ގްރީސް އަށް ދިއުމަށްފަހު މެސެޑޯނިއާ އާއި ސާބިއާ އާއި ހަންގޭރީގެ އިތުރުން އޮސްޓްރިއާ އަށް ދަތުރުކޮށް މިހާރު ޖަރުމަނުގައި ދިރިއުޅެމުންދާ ޔުސްރާ ބުނީ އޭނާގެ ދިރިއުޅުން ބާލިންގައި ހޭދަކުރި ނަމަވެސް އުންމީދު ކުރަނީ ކޮންމެ ވެސް ދުވަހަކުން އަމިއްލަ ފަސްގަނޑު، ސިރިއާ އަށް ގޮސް އޭނާގެ ތަޖުރިބާ އެގައުމުގެ ރައްޔިތުންނަށް ހިއްސާކުރެވޭނެ ކަމަށެވެ.