06 Aug 2016, 01:03
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި އަބުރާބެހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ހުށައަޅާފައިވާއެޅުން ބަދަލުކުރުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ލަފާ ދީފިއެވެ.
އެޗްއާރްސީއެމުން އަބުރުގެ ބިލަށް ހިޔާލު ހުށަހެޅި ނަމަވެސް އެ ބިލަށް ހިޔާލު ހުށަހެޅުމަށް މަޖިލީހުން ހުޅުވާލި ފުރުސަތު މިއަދު ބިލު ދިރާސާކުރާ ކޮމެޓީން ވަނީ ބާތިލުކޮށްފައެވެ. އަދި ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ކޮމެޓީއަށް ހާޒިރުކުރަން ނިންމި އިދާރާތައް ވެސް ހާޒިރު ނުކުރާން ކޮމެޓީން ވަނީ ނިންމާފައެވެ.
އަބުރު ރައްކާތެރިކޮށްދިނުމާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް އެ ކޮމިޝަނުން ހުށަހެޅި ހިޔާލުގައި ބުނީ، ހިޔާލުތަކުގެ ތެރެއިން ބިލުގެ ސަބަބުން މީހަކު ކޮށްފައިވާ ޖޫރިމަނާއެއް ދައުލަތަށް ނުދައްކައިފިނަމަ އެފަރާތަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލަން ޕީޖީން، ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ބަދަލުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ބިލުގެ ސަބަބުން މީހަކު ކޮށްފައިވާ ޖޫރިމަނާއެއް ދައުލަތަށް ނުދައްކައިފިނަމަ މަދަނީ މައްސަލައެއްގެ ގޮތުގައި ދައުވާ ކުރުމަށް އޭޖީން ކޯޓަށް ހުށަހަޅާ ގޮތަށް އެޗްއާރްސީއެމުން ވަނީ އަބުރުގެ ބިލަށް ހިޔާލު ހުށަހަޅާފައެވެ.
އެގޮތަށް ހިޔާލު ހުށަހެޅި ސަބަބެއް ކަމަށް އެޗްއާރުސީއެމުން ބުނީ ޖިނާއީ މައްސަލައެއް ގޮތުގައި ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނަށް ނުފެންނާތީ ކަމަށެވެ.
އަދި މިހާރުވެސް ޖިނާއީ ކުށެއްގެ ގޮތުގައި އަބުރާބެހުމުގެ ކުށް އޮންނަ ގައުމުތަކުން ވެސް އެކަން ބަދަލުކުރަމުން އަންނާތީއާ ރާއްޖެއިން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ހައްގުތަކާބެހޭ މުއާހަދާގައި އަބުރާ ބެހުމަކީ މަދަނީ މައްސަލައަކަށް ހެދުމަށް ބައިވެރިވެފައިވާ ގައުމުތަކަށް ގޮވާލައިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.
އެ ބިލުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދުތަކަކީ ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި ބޮޑެތި އަދަދުތަކެއް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިގެން ދިއުމަކީ މިނިވަން ނޫސްވެރިކަމާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައެއް، އިސްތިއުނާފު ކުރާ ފަރާތާ އެއްކޮޅަށް ކޯޓުން ނިންމައިފިނަމަ، ޖޫރިމަނާއަށް ދެއްކި ފައިސާ މީޑިއާ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން އަނބުރާ ރިފަންޑް ކުރައްވާނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އުނިކުރަން އެ ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.
އޭގެ ބަދަލުގައި އިސްތިއުނާފް މަރުހަލާގެ ކުރިން ފައިސާ ދެއްކުމުގެ ބަދަލުގައި އެ މަރުހަލާ ނިމިގެން ފައިސާ ދެއްކުމަށް ކަނޑައެޅުން މުހިއްމުކަމަށް ވެސް އެޗްއާރުސީއެމް އިން ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމް އިން މިއަދު ނެރުނު ހިޔާލުތަކުގައި، އެހެނިހެން ގާނޫނުތަކުން އަދަބު ކަނޑައެޅިފައިވާ ކަންކަން ކަމުން، ބިލުގައި ބުނެފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފަށް ހިޔާލުފާޅުކުރުމުގެ އަދަބުގެ މާއްދާއާއި އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން 50،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ކޯޓުން ކަނޑައަޅަންވާނެ ކަމަށް ބުނާ މާއްދާ ވެސް އުނިކުރަން ވަނީ ހުށަހަޅާފައެވެ.
އެޗްއާރުސީއެމް އިން ބުނީ، ބިލުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓްކުރުމުގައި މާނަ ނުގެއްލޭގޮތަށް ހަބަރު ރައްދުވާ ފަރާތުގެ ބަހެއް ހޯދަންޖެހޭނެ ކަމަށް ބުނެފައިވުމަކީ މައުލޫމާތު އާންމުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.
އެގޮތުން ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓްކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ރިޕޯޓްކުރުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެއް ކަމަށް ހެދުމަށް އިސްލާހް ހުށަހަޅާފައިވެއެވެ.
އެޗްއާރްސީއެމުން، އަބުރުގެ ބިލަށް ހިޔާލު ހުށަހަޅާފައި ވަނީ މަޖިލީހުން ހުށަހަޅާފައިވާ ނަމޫނާއާ އެއްގޮތަށެވެ.