06 Aug 2016, 09:19
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފައިވާ ދީޕިކާ ޕަދުކޯން އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ އަގުބޮޑު އަންހެން ތަރި ކަމަށް ހަބަރުތައް ބުނާ އިރު އޭނާ އަކީ ބޮލީވުޑުގެ އެންމެ ހުނަރުވެރި ފަންނާނު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ދީޕިކާގެ ޖާދޫގައި ބޮލީވުޑު ޖައްސާފައި ވާއިރު، މިހާރު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ވެސް އަންނަނީ ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ. ވިން ޑީސަލް އާއެކު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖު" ގައި ދީޕިކާ ހަރަކާތްތެރިވާތީ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފުކޮށް މަރުހަބާ ކިޔަމުންނެވެ.
ނަމަވެސް ދީޕިކާ ބުނަނީ އޭނާއަށް ލިބުނު ކާމިޔާބީގެ ޝުކުރު އެންމެ ފުރަތަމަ ހައްގުވަނީ 1994 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ކަން ހޯދުމަށް ފަހު ބޮލީވުޑަށް ނުކުމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އައިޝްވާރްޔާ ރާއި ބައްޗަން އަށް ކަމަށެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އިންޑިއާގެ ފަންނާނުންނަކީ ދުނިޔެ ދަންނަ އަދި އިހުތިރާމު ކުރާ ބަޔަކަށް ވެގެން ދިޔައީ އައިޝްވާރްޔާގެ ސަބަބުން ކަމަށެވެ.
"އެކަމަކު ހޮލީވުޑަށް ނުކުތް އެހެން ފަންނާނުންގެ އަގު ވެސް ވަޒަން ކުރަން ޖެހޭ. އެއީ ވަރަށް ބުރަ މަސައްކަތް އަދި ވަރަށް ބޮޑު ކާމިޔާބެއް. އެއީ އަދި އަނިލް ކަޕޫރު، އިރްފާން ޚާން، ޕްރިޔަންކާ ޗޯޕްޅާ ނުވަތަ އަހަރެން ވިޔަސް،" ދީޕިކާ ބުނެފައިވެ އެވެ.
ދީޕިކާ ބުނީ އެންމެން ވެސް މަސައްކަތް ކުރަނީ އެމީހެއްގެ ހުނަރު ދައްކައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދީޕިކާ ބުނީ ވިން ޑީސަލް އާއި ރުބީ ރޯސް އާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދީޕިކާ އަކީ ހޮލީވުޑަށް އާ މީހެއް ކަމުގެ އިހުސާސް ނުކުރެވުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ދީޕިކާ ބުނީ ހޮލީވުޑް ފިލްމެއް ވިޔަސް ބޮލީވުޑް ފިލްމެއް ވިޔަސް، ކުރާ މަސައްކަތަށް ބަދަލު ނާންނަ ކަމަށާއި އަބަދު ވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ކަމަށެވެ.
"ހަމައެކަނި ތަފާތަކީ ވާހަކަ ދައްކާ ބަސް. އެހެންވީމަ އަހަރެން ބޭނުމެއް ނޫން ބޮލީވުޑް އަދި ހޮލީވުޑްގައި ކުރާ މަސައްކަތަކީ ވަކި ދެ އެއްޗެއް ކަމަށް ބަލާކަށް. އަހަރެން ބަލަނީ އެއީ ކުރިއެރުން ކަމަށް،" ދީޕިކާ ބުނެފައިވެ އެވެ.