ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ މުހަންމަދު އިބްރާހިމް (އަސްލު ނަމެއް ނޫން) ހުރީ މާޔޫސްވެފަ އެވެ. މިއަދު އިރު އެރިއިރު ހުރި ގޮތާއި މިހާރު އޭނާގެ ދިރުއުޅުން ބަދަލުވެފައި ހުރި ގޮތް ތަފާތެވެ. އޭނާގެ ގެ، ގ. ސާލިމިއްޔާގައި އަލިފާން ރޯވެ، އަޅިއަށް ވެގެން ދިޔައީ އޭނާ ކުރިމަތީގަ އެވެ.

"ބޭންކުގައި އުޅޭ ދަރިފުޅު ގުޅާފައި ރޮވިފައި ކަހަލަ ގޮތަކަށް ބުނީ މުޅި ގޭގައި ރޯވެއްޖެއޭ. ކުއްލިޝޮކެއް ލިބުނީ. ދެން އެންމެންވެސް މިހާރު ގެއިން ބޭރުގައި ތިބި ވާހަކަ ބުނީ. ދެން އަޅުގަނޑު ވެސް މި އައީ. މިއޮތީ މުޅި ގެ އަނދާފައި. އެއްވެސް މުދަލެއް ހިއެއް ނުވޭ ސަލާމަތް ވާނެ ހެނެއް،" ގ. ސާލިމިއްޔާގޭގެ ދެވަނަބުރީގައި އާއިލާ އާ އެކު ދިރިއުޅޭ މުހަންމަދު އެ ގެ ބޭރުގައި ހުރެގެން ކިޔައިދިނެވެ.

މުހަންމަދަށް އެ ހާދިސާ ސިފަކުރެވުނު ގޮތާއި އެއްގޮތަށް އެ މަންޒަރު ދުރުން ފެނުނު މީހުންނަށް ވެސް އެ ހާދިސާ ސިފަކުރެވުނީ ހަމަ އެގޮތަށް ނޫނީ އެއަށްވުރެ ވެސް ނުރައްކާތެރި ކޮށެވެ. ގ. ސާލިމިއްޔާގޭގެ އިމާރާތެއްގައި މިއަދު ހެނދުނު 10:00 ޖަހާއެހާކަންހާއިރު އަލިފާން ހިފި ކަމަށް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓް ކުރި ނަމަވެސް އެ އަލިފާންގަނޑު ފެތުރިފައިވާލެއް ބޮޑުކަމުން އެ ހާދިސާ ހިނގީ މާކުރިން ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނެ އެވެ.

"އަސްލު ދުން އަރަން ފެށީމާ މީހުން ރިޕޯޓް ކުރީ ވެސް. އޭގެ ކުރިން ނުވެސް އެނގޭ. ދުން ބޭރަށް ނުކުންނާނީ ވަރަށް ވަރުވެގެން ދެއްތޯ. ދެން އެގޭގައި އުޅޭމީހުން ވެސް ނުކުންނަން ފެށީ،" އެ ހިސާބުގައި ދިރިއުޅޭ އަންހެނަކު ކިޔައިދިނެވެ.

ޑެކް އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި އެގޭގައި ހިފި އަލިފާންގަނޑުގެ ސަބަބުން ގޭގެ ބޮޑުބައެއް ވަނީ މުޅިންހެން އަނދައި ހުލިވެފަ އެވެ. އަލިފާންގަނޑު އެހާބޮޑަށް ފެތުރެން ދިމާވީ އެގޭގެ ތިން ވަނަބުރީގައި ހުރި ފައިބަރާއި ގޭސް ފުޅިތަކެއްގައި އަލިފާން ހިފައިގެން ކަމަށް ސިފައިން ބުނެ އެވެ.

"ދެތިން ފަހަރެއްގެ މަތިން ބާރުގޮވުންތަކެއް ވެސް ގޮވި. އެއީ އެތަކެތީގައި ރޯވެގެން ކަމަށް މި ބެލެވެނީ. އޭގެ ފަހުން ބޮޑަށް މި ހިފީ،" އަލިފާން ނިންވުމުގައި އުޅުނު ފަޔާމަނަކު ކިޔައިދިނެވެ.

ލަކުޑި އާއި ޓިނު ޖަހައިގެން ހަދާފައި ހުރި އެގޭގެ ތިރީގައި ހިފި އަލިފާންގަނޑު މުޅި ގެއަށް ފެތުރި ގޭގެ އިތުރު އިމާރާތެއްގައި އަލިފާން ހިފައި މުޅި ގެ ސުންނާފަތިވެގެން ދިޔަ އިރު ޖެހިގެން ހުރި ބައެއް އިމާރާތްތަކަށް ވެސް ދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި އެވެ. އެ ހިސާބުގެ އިމާރާތްތަކުން މީހުންނާއި މުދާ ހުސްކުރީ އެހެންވެގެންނެވެ. ނަމަވެސް ގާތްގަނޑަކަސް ހަތަރު ގަޑިއިރު ފަހުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމުން އެމީހުން ވަނީ އެނބުރި ގޭގެއަށް ގޮސްފަ އެވެ.

އަލިފާން ރޯވި ސަބަބު އަދި ހޯދިފައިނުވާ ނަމަވެސް، ބައެއް އަވަށްޓެރިންގެ ވާހަކަތަކުން އެ ހާދިސާ ހިނގުގުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތަކެއް ވާކަން އެނގެ އެވެ. އެގޮތުން ބައެއް އަވަށްޓެރިން ބުނި ގޮތުގައި، އެ ގެގައި އުޅޭ ދެބަފައިންގެ މެދުގައި ވަރަށް ގަދައަށް ޒުވާބުކުރި އަޑު އިވިފައިވެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، އެ ޒުވާބު ކޮށްފައި ވަނީ މިއަދު އަނދާ ހުލިވެގެން ދިޔަ ތިން ބުރީގެ ސަލަމިއްޔާގެ ބެހުމުގެ މައްސަލައަކާ ގުޅޭ ގޮތުންނެވެ.

"އެގޭގައި ވަރަށް ގަދައަށް ޒުވާބު ކުރާ އަޑު އިވުނު. އެމީހުން ގެ ބެހުމުގެ މައްސަލައެއްގައި އުޅުނީ. ވަރަށް ގަދައަށް ޒުވާބު ކުރި. އޭގެ ފަހުން މި އަލިފާނެއް ރޯވެ އަދަން ފެށީ. އެހެންވީމާ އެކަމާ ގުޅުމެއް ވާހެން އަޅުގަނޑަށް ހީވަނީ،"ނަން ނުޖެހުމަށް އެދި މީހަކު ބުންޏެވެ.

ސަލާމިއްޔާގައި ދިރިއުޅޭ މީހުން ވެސް ތިބީ އެ ހާދިސާ ހިނގި ސަބަބު ނޭނގިފަ އެވެ. އެކަމުގައި ކޮންމެވެސް މީހަކު ޒިންމާ ނަގަން ޖެހޭނެ ކަމަށް އެގޭ ކުދިން ދެކެވެ.