އޮސްޓްރޭލިޔާގެ ހޮލީ ހޮޖްސަން ނަމަކަށް ކިޔާ އަންހެނަކު މާބަނޑު ދުވަސްވަރު އަލްޓްރާސައުންޑް ސްކޭނެއް ހެދި އިރު ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ބަނޑަށް ތިން މަހުގައި ހެދި ސްކޭނުން ދެއްކި ގޮތުގައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ގޮހޮރު އުފެދެމުން ދިޔައީ ހަށިގަނޑުން ބޭރުގައެެވެ. ބަނޑުގައި އުފެދިފައި އޮތް ލޯވަޅަމުން ގޮހޮރު އޮތީ ނުކުމެ، ބޭރުގަ އެވެ.

މި އާދަޔާޚިލާފު ހާލަތުގައި، ހޮޖްސަންގެ ޑޮކްޓަރު ބުނީ އޭނާ ލަފާ ދޭނީ ދަރިފުޅު ވައްޓާލަން ކަމަށެވެ. ޑޮކްޓަރު ބުނީ ކުއްޖާ ޔަގީނުން ވެސް މަރުވާނެ ކަމަށެވެ. ނަމަވެސް ޖޮހްސަންއާއި އޭނާގެ ފިރިމީހާ ޑޮކްޓަރުގެ އިރުޝާދު ގަބޫލުކުރަން ދެކޮޅު ހެދިއެވެ.

ހޮލީއާއި އޭނާގެ ފިރިމީހާ ސްޓީވަން ބެލި ބެލުންތަކުން އެނގުނު ގޮތުގައި މި ހާލަތް ދިމާވާ ތުއްތު ކުދިންގެ ތެރެއިން 95 ކުދިން ވިހެއުމާ ހަމައަށް ދިރި ހުރެއެވެ.

ހޮލީގެ ދަރިފުޅު ޓެޑީ އުފަންވީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ކުއްޖާގެ ސިއްހަތު ވެސް ރަނގަޅެވެ. މައްސަލައަކީ ގޮހޮރު ހަށިގަނޑުން ބޭރުގައި އޮތުމެވެ. ޑޮކްޓަރު ބުނީ ކުއްޖާ ދިރި ނުހުންނާނެ ކަމަށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ.

"އަހަރެންގެ ހިތުގައި ވަރަށް ރުޅިވެރިކަން އުފެދޭ. ޑޮކްޓަރު ބުނި ބަސްތައް ހަނދާން ވީމަ. ޓެޑީ އޮތީ ހެޔޮ ހާލުގައި. ވަރަށް އުފަލުގައި. މަޖާ މޫނުތައް ހަދައި، ވާހަކަ ދައްކައި، ހީނ ހަދައި. ވަރަށް މަޖާ ކުއްޖެއް އެއީ،" ހޮލީ ހޮޖްސަން ބުންޏެވެ.

ޓެޑީއަށް ދިމާވި ހާލަތަށް ކިޔަނީ ގެސްޓްރޯކައިސިސް އެވެ. މި ހާލަތް ދިމާވުމުން ދަރިފުޅު ރަހިމުގައި އުފެދެމުން އަންނަ އިރު ބަނޑުގެ ކަނާތް ފަރާތުގައި އުފެދޭ ލޯވަޅަކުން ގޮހޮރާއި އެ ހިސާބުގައި ހުންނަ ގުނަވަންތައް ބޭރަށް ނުކުމެ އެވެ. ބައެއް ފަހަރު ފުރަމެއާއި ބަނޑު ވެސް ނުކުމެ އެވެ.

ޓެޑީ އުފަންވި އިރު އޭނާގެ ހަށިގަނޑުގެ ބޭރުގައި އޮތް ގުނަވަންތައް ރައްކާތެރިކުރީ ޕްލާސްޓިކް އޮޅައިގެންނެވެ.

ޓެޑީގެ އުމުރުން މިހާރު ހަތް މަސް ވެފައިވާ އިރު، އެކުއްޖާ ހުރީ ހެޔޮ ހާލުގަ އެވެ. ހޮލީ ބުނާ ގޮތުގައި އޭނާގެ ދަރިފުޅުގެ ހަށިގަނޑުން ބޭރުގައި ހުރި ގުނަވަންތައް ހަށިގަނޑުގެ އެތެރެއަށް ލުމަށް ސާޖަރީ ހެދޭނީ އޭނާ އިތުރަށް ހެދި ބޮޑުވުމުންނެވެ.