06 Aug 2016, 10:20
ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ރައީސް" އަކީ ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން މިހާރު އެންމެ އިންތިޒާރު ކުރާ ފިލްމެވެ. ފިތުރު އީދާ ދިމާކޮށް ރިލީޒް ކުރަން ނިންމި ފިލްމު ލަސްކުރީ، ސަލްމާން ޚާންގެ "ސުލްތާން" ވެސް އެ ތާރީޚުގައި އަޅުވަން ނިންމާފައި އޮތުމުންނެވެ.
ފިލްމު ރިލީޒްކުރުން ފަސްކުރުމާ އެކު، ގިނަ ބަޔަކަށް މާޔޫސްކަމެއް ލިބިގެން ދިޔަ އެވެ. ޝާހުގެ ފިލްމަކަށް އިތުރު އިންތިޒާރެއް ކުރަން ޖެހުމުންނެވެ.
ފިލްމު "ރައީސް" ގެ ޓީޒަރ އެއް މިހާތަނަށް ވަނީ ރިލީޒްކޮށްފަ އެވެ. ޓީޒަރ އިން ވެސް ފިލްމަކީ މޮޅު ފިލްމެއް ކަން އެނގިގެންދާ ކަމަށް ބައެއް އެކްސްޕާޓުން ބުންޏެވެ. އަދި ފިލްމުގެ ޓްރެއިލަރ ރިލީޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ބުންޏެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވީނަމަވެސް، ފިލްމުގެ ޓްރެއިލަރ އަވަހަށް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ފިލްމުގެ އިތުރު ޓީޒަރ އެއް ވެސް އަދި ފިލްމުގެ ޓްރެއިލަރ ވެސް ރިލީޒްކޮށްފަ އެއް ނުވެއެވެ.
މިދިޔަ އަހަރު ފިލްމުގެ ޓީޒަރ ރިލީޒް ކޮށްފައި ވާއިރު، ފިލްމުގެ ޓްރެއިލަރ ލަސްވާ ސަބަބު ހޯދަން ގިނަ ބަޔަކު ތިބީ ބޭނުންވެފަ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ރާހުލް ޑޯލަކިއާ އަށްވެސް ގިނަ ބަޔަކު އަންނަނީ އެ ސުވާލު އަމާޒު ކުރަމުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެމުން ރާހުލް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފިލްމުގެ ޓްރެއިލަރ ގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ޓްރެއިލަރ ރިލީޒް ކުރަން ވަގުތު އެބަ އޮތް ކަމަށް ރާހުލް ބުނެފައި ވާއިރު، ޓްރެއިލަރ ރިލީޒް ކުރާނީ މި އަހަރުގެ ފަހުކޮޅު ކަމަށް ބެލެވެ އެވެ.
ޝާހު ލީޑު ރޯލު ކުޅޭ "ރައީސް" އަކީ އެކްޝަން ޓުރިލަރ އެކެވެ. އެ ފިލްމުގައި ޝާހުގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާން އާއި ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގު އެވެ.