06 Aug 2016, 09:52
އިންޑިއާގެ ދެމަފިރިންގެ އަންހެން ދަރިފުޅަށް ވީނުވީއެއް ނޭނގި ގެއްލުނީ މީގެ 10 އަހަރު ކުރިންނެވެ. އޭރު އުމުރުން އެންމެ ބާރަ އަހަރުގެ އަންހެން ކުއްޖާ ގެއްލުނީ އިންޑިއާގެ ވެރިކަން ކުރާ ނިއު ދިއްލީ އަށެވެ.
ދަރިފުޅު ފެންނާނެ ކަމުގެ އުންމީދުގައި ދެމަފިރިން އެތައް ފަހަރަކު އެތައް ޕޮލިސް ސްޓޭޝަނަކަށް ދިޔަ އެވެ. އެތައް އަހަރަކު މަސައްކަތް ކުރުމަށް ފަހު ވެސް ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުވުމުން ދެމަފިރިން އުންމީދު ކަނޑައިލި އެވެ. އަދި ދަރިފުޅު މަރުވީ ކަމަށް ނިންމި އެވެ.
ނަމަވެސް މާޔޫސްކަމުގައި ތިބި އެ ދެމަފިރިންނަށް މިދިޔަ ހަފްތާގައި ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ދަރިފުޅު މަރުވެފައިވާ ކަމަށް ނިންމައިގެން ތިބި ދެމަފިރިންނަށް ވަނީ 10 އަހަރު ފަހުން ދަރިފުޅާ ބައްދަލުވެފަ އެވެ. މިހާރު އޭނާގެ އުމުރުން 22 އަހަރެވެ.
ދަރިފުޅު ދިރިހުއްޓައި ފެނުމުގެ ސަބަބުން ދެމަފިރިންނަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭން ވެސް ދައްޗެވެ. ނަމަވެސް އެ އުފާވެރިކަން މާ ގިނަ އިރު ތަކެއް ވަންދެން ދެމިގެން ނުދިޔަ އެވެ. ދަރިފުޅު އަނބުރާ ލިބުން އުފާވި ނަމަވެސް އެ ކުއްޖާއަށް ދިމާވެފައިވާ ދަތި ހާލު އެނގުމާ އެކު ދެމަފިރިންގެ ހިތް ވަނީ ކުދިކުދި ވެފަ އެވެ.
މައިންބަފައިންނާ ވަކިވެ، ހޭދަކުރި 10 އަހަރު ތެރޭގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެގޮތުން ދިހަ އަހަރު ތެރޭގައި އެކުއްޖާ ރޭޕް ކުރި އަދަދު ބުނެދޭން ނޭނގޭ ކަމަށާއި، އެކުއްޖާ "ގަނެ ވިއްކާފައި" ވަނީ ކިތައް މީހުން ކިތައް މީހުންނަށް ކަން ނޭނގޭ ކަމަށް ބުންޏެވެ.
އުމުރުން އެންމެ 12 އަހަރުން ފެށިގެން، ވިޔާނުދާ ފިރިހެނުންތަކެއްގެ މުށު ތެރޭގައި، އެމީހުން އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރީ އެވެ. އަދި 30،000 އިންޑިއަން ރުޕީޒް (6903 ދިވެހި ރުފިޔާ) އާއި 40،000 އިންޑިއަން ރުޕީޒް (9204 ދިވެހި ރުފިޔާ) ދެމެދުގެ އަގަކަށް އޭނާ ވިއްކަމުން ދިޔައީ އެވެ.
އެންމެ ފަހުން އޭނާގެ ނުރުހުމުގައި ޓްރަކް ޑްރައިވަރަކާ ކައިވެނި ކުރުވާފައިވާ ކަމަށް ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ. ކައިވެނި ކޮށްގެން އުޅުމަށް ފަހު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފިރިމީހާ މަރުވުމުން، ފިރިމީހާގެ އާއިލާ އިން އޭނާ ގެއިން ބޭރުކޮށްލީ އެވެ.
އެއަށްފަހު ލިބުނު އަނިޔާތަކުން ސަލާމަތްވެ، މައިންބަފައިން ހޯދަން ކުރި މަސައްކަތުން މިހާރު ވަނީ މައިންބަފައިންނާ ބައްދަލުވެފަ އެވެ.
ދަރިފުޅަށް ދިމާވި ބިރުވެރި ކަންތައްތަކުގެ ސަބަބުން ހިތް ހަލާކުވެފައި ތިބި މައިންބަފައިން ބޭނުންވަނީ ދަރިފުޅަށް އިންސާފު ހޯދައިދޭށެވެ. އަދި ދަރިފުޅަށް އިންސާފު ނުލިބުނަސް ހުއްޓާނުލާނެ ކަމަށާއި، ދަރިފުޅަށް އަނިޔާ ދިން ހުރިހާ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ދެމަފިރިން ވަނީ ވައުދުވެފަ އެވެ.
މިހާރު އަންހެން ކުއްޖާގެ ސިއްހީ ހާލަތު ދެނެގަނެ، މެޑިކަލް ޓެސްޓުތައް ހަދަން ފަށާފައި ވާއިރު، ފުލުހުންގެ ހާއްސަ ޓީމަކުން މައްސަލަ ތަހުގީގުކޮށް މައްސަލައިގައި ޝާމިލުވާ އެންމެން ހޯދުމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އަންގައިފަ އެވެ.