ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ(ޔުއެފާ) އިން ހޮވާ ވޭތުވެ ދިޔަ އަހަރުގެ އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެންމެ ފަހުން އެ އެވޯޑް ހޯދި ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ މިފަހަރު ވާދަ ނުކުރާކަން ކަށަވަރު ވެއްޖެއެވެ.

ޔުއެފާ އިން މިއަދު އިއުލާން ކުރި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ޕޯޗުގަލުން ޔޫރޯ ކާމިޔާބު ކުރިއިރު އެ ޓީމްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑު ކުރިސްޓިއޯނޯ ރޮނާލްޑޯ އާއި ގެރެތް ބޭލްގެ އިތުރުން ފްރާންސް އާއި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ.

ޔުއެފާ މެމްބަރު ގައުމުތަކުގެ ތެރެއިން 55 ގައުމެއްގެ ކުޅިވަރު ޖާނަލިސްޓުންގެ ވޯޓާއި އެކު ހޮވާ ޔޫރަޕްގެ ގަދަ ދިހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒާއި މެސީގެ އިތުރުން ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އާއި ތޯމަސް މުލާ އާއި ރެއާލް މެޑްރިޑްގެ ޕެޕޭ އާއި ޓޮނީ ކުރޫސްގެ އިތުރުން ޔުއެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބޭ ކުޅުންތެރިއާގެ ނަން އިއުލާން ކުރާނީ މިމަހު 25 ވާ ބުރާސްފަތި ދުވަހު ފްރާންސްގެ މޮނޯކޯގައި ބާއްވާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގެ ގުރުލުމަށް ބާއްވާ ހަފްލާގައެވެ.