26 May 2011, 16:06
އާއިލާ އާ ބެހޭ ކޯޓުން ދަރިފުޅު މަންމަ އާއި ހަވާލުކުރަން ހުކުމް ކޮށްފައި ވަނިކޮށް މަންމަ އަނިޔާ ކުރާ ކަމަށް ބުނެ ދަރިފުޅު މަންމަ ކައިރިއަށް ދާން ދެކޮޅު ހަދައިފި އެވެ.
އާއިލާއާ ބެހޭ ކޯޓުން 2006 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ ފަސް އަހަރުގެ އެ ކުއްޖާ މަންމައާ ހަވާލު ކުރުމަށެވެ. މިދިޔަ އަހަރާ ހަމައަށް އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ވެސް މަންމަ ކައިރީގަ އެވެ. އެކަމަކު ޖޫން 25، 2010 ގައި ބައްޕަ ދެކިލުމަށް ދަރިފުޅު ގެންދިޔުމުން، ބައްޕަ ވަނީ ދަރިފުޅު އަނބުރާ މަންމައާ ހަވާލު ކުރުމަށް ދެކޮޅު ހަދައިފަ އެވެ. ސަބަބެއް ކަމަށް ބުނަނީ މަންމަ އަނިޔާ ކުރާތީ ދަރިފުޅު މަންމަ ކައިރިއަށް ދިއުމަށް ދެކޮޅު ހެދުމެވެ.
މަންމަ އާއި ދަރިފުޅު ހަވާލު ނުކުރުމުން އުފެދުނު ހަމަނުޖެހުމުގެ ތެރޭގައި އެ ކުއްޖާގެ މަންމަ ވަނީ އެ މައްސަލަ އަނެއްކާ ވެސް ފެމިލީ ކޯޓަށް ވައްދައިފަ އެވެ. ފެމިލީ ކޯޓުން މިދިޔަ އާދިއްތަ ދުވަހު އަނެއްކާ ވެސް ހުކުމް ކުރީ ދަރިފުޅު މަންމަ ކައިރިއަށް ގެންދިއުމަށެވެ. އަދި ދަރިފުޅު މަންމައާ ހަވާލުނުކޮށްފި ނަމަ، އެ ކުއްޖާ އޭނާގެ މަންމައާ 24 ގަޑިއިރުގެ ތެރޭގައި ހަވާލު ކުރުމަށް ފުލުހުންނަށް ވެސް ކޯޓުން ވަނީ އަންގައިފަ އެވެ.
އެ ދެމަފިރިންނަށް މީގެ ފަސް އަހަރު ކުރިން ލިބިފައި ތިބި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެކަމަށް ދެކޮޅު ހެދުމުން ކުއްޖާގެ ބައްޕަގެ ފަރާތުން ހައިކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އަދި ހައިކޯޓުން ވެސް އަމުރު ކުރީ ފެމެލީ ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ކުރުމަށެވެ.
ސަން އޮންލައިންގެ ނޫސްވެރިން އިއްޔެ އެގެއަށް ދިޔުމުން ވެސް ފެނިފައި ވަނީ ދަރިފުޅު މަންމަ ކައިރިއަށް ނުދާނެ ކަމަށް ބުނެ ބޮޑާ ހާކަމުންދިޔަ މަންޒަރެވެ. މަންމަ އަނިޔާ ކުރާ ވާހަކަ އާއި މަންމަ "ރަނގަޅު ނޫން" ކަމަށް އެ ކުއްޖާ ބުނަމުންދިޔަ އެވެ.
"މަންމަ ތަދު ވެސް ކުރޭ. ކޮއްކޮ ނުދާނަން މަންމަ ކައިރިއަކަށް،" އެންމެ ފަސް އަހަރުގެ އެ ކުއްޖާ ބުނަމުންދިޔަ އެވެ.
އެކަމަކު ވެސް ފުލުހުން ވަނީ ދަރިފުޅު އިއްޔެ ފުލުސް އޮފީހަށް ގެންގޮސްފަ އެވެ. ނަމަވެސް ދަރިފުޅު މަންމަ ގާތަށް ނުދިއުމުން ކުއްޖާ އެންމެ ފަހުން ވަނީ ބައްޕަ ކައިރީގައި ބަހައްޓާފަ އެވެ.
ކުއްޖާ މިހާރު ވެސް ބަލަހައްޓަމުން އަންނަ އެ ކުއްޖާގެ އާއިލާއިން ބުނީ ދަރިފުޅު މަންމަ ކައިރީ ހުރި އިރު ދަރިފުޅަށް އަނިޔާކޮށް އަލިފާން ޖެއްސި މައްސަލަ ފުލުހުންނަށް މީގެ ކުރިން ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ސަން އިން ބެލިބެލުމުން އެނގުނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަ ކޯޓަށް ވައްދާފައެއް ނުވެ އެވެ.