14:30


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އެޓޯލް މިނިސްޓްރީގެ  މަސައްކަތްތައް ހޯމް މިނިސްޓްރީއަށް ބަދަލު ކުރައްވައި، ރާއްޖެ ހަތް ބަޔަކަށް ބަހައިގެން އިދާރީ ދާއިރާތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ލިއުމެއް ފާސްކޮށްފައިވާނެ ކަމަށާއި، އެލިޔުން ނަފީ ކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސަ ވިދާޅުވީ، ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.


ގާނޫނު އަސާސީއަށް އިސްލާހް ހުށަހެޅުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، މޫސަ ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ގާނޫނުއަސާސީއަކަށް އެއްވެސް ކަހަލަ އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވެނީ ހަތަރު ބައިކުޅަ ތިންބައިގެ ވޯޓު ލިބިގެން ކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު އޮތް ގޮތުން އެއްވެސް ބަޔަކަށް އެކަން ނުކުރެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.