05 Aug 2016, 16:07
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށަށާއި އެކި މުއައްސަސާތަކަށް ހުޅުވާލި ފުރުސަތު ބަންދުކޮށްފިއެވެ.
މީޑިއާތަކުގެ މަޝްވަރާތައް ހޯދުމަށްފަހު އޭގެ އިތުރުން އިތުރު އިދާރާތަކުގެ މަޝްވަރާވެސް ހޯދުމަށް އެމައްސަލަ ދިރާސާކުރާ ކޮމެޓީން ކުރިން ނިންމާފައިވާ ނިންމުން ބާތިލްކޮށް ދެން އިތުރަށް މަޝްވަރާހޯދުމަށް ބައްދަލުނުކުރަން ނިންމީ އެކޮމެޓީގެ މެމްބަރު އަލީ އާރިފް ހުށަހެޅުމުން ހަ މެމްބަރުން ވޯޓް ދެއްވައިގެންނެވެ.
އެނިންމުމާ ދެކޮޅަށް ވާހަކަ ދެއްކެވީ މަށްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު މާރިިޔާ ދީދީއެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަލީ އާރިފް ވިދާޅުވީ އަބުރާ ބެހުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރޭ ފިގުހު އެކަޑަމީއާ އެކު ބޭއްވި ބައްދަލުވުމުން އެނގިގެން ދިޔައީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
"ދެން ނޫސްވެރިކަމުގައި އުޅުއްވާ ބޭފުޅުންގެ ހުރި ކޮންސާންތައް އަޅުގަނޑުމެން ޕޮއިންޓުތައް ނޯޓުކޮށްފިން. އެހެންވީމަ އަޅުގަނޑުގެ ހުށަހެޅުމަކީ ކުރީ ދުވަހު ފާސްކުރި އާންމު ރައްޔިތުންގެ ކުރެ އަބުރުގެ ބިލާ ދޭތެރޭ ދެކޭގޮތް ބަލަން. އެހެންވީމަ މި ހުށަހަޅަނީ އެ ފުރުސަތު ބަންދުކޮށް ބާތިލުކުރަން. އަދި އެއްވެސް ފަރާތެއް އެ ފުރުސަތުގެ ތެރެއިން ހިޔާލެއް ހުށަހަޅާފައި އޮތް ނަމަ އެވެސް ބަލައި ނުގަންނަން. އަދި ކޮމެޓީން ދެން ބައްދަލުކުރަން އަޅުގަނޑުމެން ނިންމާފައި ތިބި ބޭފުޅުންނާއިވެސް ބައްދަލު ނުކުރުމަށް އަޅުގަނޑު ހުށަހަޅަން،" އަލީ އާރިފް ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮމެޓީއަށް ހާޒިރުކުރި ފަރާތްތައް:
- މޯލްޑިވްސް މީޑިއާ ކައުންސިލް
- ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކުގެ ތެރެއިން 10 މީޑިއާއެއް
- ބްރޯޑްކާސްޓިން ކޮމިޝަން
- މޯލްޑިވްސް ފިލްމު އެސޯސިއޭޝަން
- ފިގުހު އެކަޑަމީ
ކޮމެޓީއަށް ހާޒިރު ނުކުރާ ފަރާތްތައް:
- ހިއުމަން ރައިޓްސް ކޮމިޝަން
- އެޓާނީ ޖެނަރަލް
- ޕްރޮސެކިއުޓާ ޖެނަރަލް
- ފުލުހުން
- އެމްއެންޑީއެފް
- އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
- ގައުމީ ޔުނިވާސިޓީ
- ލޯޔަރުންގެ ޖަމިއްޔާއެއްވާނަމަ އެ ފަރާތްތައް
މިއަދުގެ ބައްދަލުވުމުގައި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީއަށް ދެން އޮތީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ބިލު ޑްރާފްޓު ކުރަމުންދާ ބައެއް ބައްދަލުވުންތަކަށް މީޑިއާތަކާ ކޮމެޓީގައި ހިމެނޭ މެމްބަރުން ނޫން އެހެން މަޖިލިސް މެމްބަރުންނަށް ކޮމެޓީއަށް ވަޑައިނުގެންނެވޭނެ ގޮތް ހެއްދެވުމަކީ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.