05 Aug 2016, 15:45
އުރީދޫގެ ކޮންމެ އަހަރީ ދުވަހަކާއެކު އެއޮފީހަށް އީދެއް އާދެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މަސައްކަތްކުރާ އެޕާޓްމަންޓްތައް ތަފާތު އެކިގޮތްގޮތަށް ބަދަލުވުމެވެ. މިއަހަރުވެސް މިކަންމިވަނީ މިހެންކޮށްފައެވެ. މާލޭގައި ހުންނަ އުރީދޫގެ އޮފީސް އިއްޔެ ވަނީ އެކި ތީމްތަކަށް ބަދަލުކޮށްލާފައެވެ.
އުރީދޫގެ ފައިނޭންސް ޑިޕާޓްމަންޓުން މޫދުތެރޭގެ މަންޒަރުތައް ދައްކުވައިދިންއިރު ޑިޕާޓުމަންޓު ތެރޭގައި ތަފާތު މަސްމަހާއިމެހި ވަނީ ދައްކުވާލާފައެވެ. ތަފާތު ހުނަރުވެރި މަސައްކަތްތަކުން ކަނޑުއަޑީގެ ރީތިކަން ސިފަކޮށްލާފައިވެއެވެ.
އެކުންފުނީގެ ސޭލްސް ޑިޕާޓްމަންޓު ފެނިގެންދިޔައީ "މިލްޓުރީ ބޭސް" އެއްގެ ގޮތުގައެވެ. ޑިޕާޓްމަންޓް ޑެކެރޭޓްކޮށްފައިވަނީ އެގޮަތަށެވެ. މުވައްޒިފުން ހެދުން އެޅީވެސް މިލްޓްރީކަން ދައްކުވައިދޭގޮތަށެވެ. އެޑިޕާޓްމަންޓުން ކުރާ މަސައްކަތް ތަފާތުވިނަމަވެސް ފެންނަފެނުމަށް އެއީ ސިފައިންނެވެ.
ހިއުމަން ރިސޯސް އާއި މާކެޓިން ޑިޕާޓްމަންޓުން ދައްކައިދީފައިވަނީ މުސްތަގުބަލެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ދުނިޔެއިން ބޭރަށް އިންސާނުން ދާނެކަމާއި އޭރުން އުރީދޫވެސް ދުނިޔެއިން ބޭރުގައި ހިދުމަތްދޭނެކަން ދައްކުވަިއދިނެވެ. ސްޕޭސް ޖެޓްތަކާއި ކާއިނާތު ސިފަކޮށްލާފައިވެއެވެ.
އެކިގައުމުތަކަށް ނިސްބަތްވާ މުވައްޒަފުން މަސައްކަތްކުރާ ޓެކްނޮލޮޖީ ޑިޕާޓްމަންޓުން ދަށްކާލާފައިވަނީ އެމުވައްޒަފަކު ނިސްބަތްވާ ގައުމެއްގެ ސަގާފަތެވެ. އެގޮތުން އަޅާހެދުމާއި ބޭނުންކުރާ ބައެއް ސާމާނުވަނީ ދައްކުވާލާދީފައެވެ.

އުރީދޫގެ ރާއްޖޭގެ ބުރާންޗުގައި މިސްރުގެ އެއް މުވައްޒިފަކު މަސައްކަތްކުރާއިރު އެކުންފުނީގެ ކަސްޓަމާކެއާ ޑިޕާޓްމަންޓުން ވަނީ މިސްރުގެ ސަގާފަތް ދައްކުވައިދީފައެވެ. އެމުވައްޒިފުން އިއްޔެ މަސައްކަތު ގަޑީގައި އެޅި ހެދުމަކީ މިސްރުގެ ސަގާފީ ހެދުމެވެ.
ތަފާތު އެކިކަންކަމާއެކު އުރީދޫގެ މުވައްޒިފުން އިއްޔެ މަސައްކަތްކުރިއިރު އެޑިޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތު މިއަދު ހަވީރު ވަނީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒިފުންގެ އާއިލާތަކަށް ހުޅުވާލާފައެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، އެހަރަކާތަކީ ބުރަކޮށް މަސައްކަތްކުރާ އެކުންފުނީގެ މުވައްޒިފުން މޯޓިވޭޓް ކުރުމަށް ބާއްވާ ހަރަކާތެއް ކަމަށާއި އޭގެ ނަތީޖާ ފެންނަމުން ދާ ކަމަށެވެ.
އެހަރަކާތުގެ ސަބަބުން އެކުންފުނީގެ މުވައްޒިފުންގެ ގުޅުން ބަދަހިވެ މުވައްޒިފުންގެ އާދަޔާއި ހިލާފް ހުނަރު ފެނިގެންދާކަމަށް ނޫރާ ވިދާޅުވިއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫއިން ވަނީ އެންމެ ރަނގަޅަށް ދެކެރޭޓްކޮށްފައިވާ ޑިޕާޓްމަންޓެއް ހޮވަން ނިންމާފައެވެ.