05 Aug 2016, 15:42
ވޮޝިންޓަން(އޮގަސްޓް 5): ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް އައިއެސްފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އަދިވެސްވަނީ އެމެރިކާއަށް ހަމަލާދެވޭފަދަ ބާރުގަދަ ހާލަތެއްގައި ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
އޮބާމާ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދަށުން އެމެރިކާގެ ބާރުތަކެއް ޔޫރަޕްގައިވެސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި އިރާގާއި ސޫރިޔާއާއި ލީބިޔާގައި ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން ވަރަށް ބޮޑުކަމަށާއި މިކަމުގައި އިރާގާއި ސޫރިޔާގައި ކާމިޔާބުތަކެއްވެސް ލިބިފައިވާކަމަށް އޮބާމާ ވިދާޅުވިއެވެ.
ދުނިޔޭގައި ޓެރަރިޒަމްގެ ނުރައްކާ އިތުރުވެގެން ދިޔައީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި 2001 ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތުމަށްފަހުގައެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތް އުފެދުނީ 2004 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެގެން އިރާގަށް އަރައި އެގައުމުގެ ވެރިކަން ބަދަލުކޮށް އެތަށް ލައްކަ ބަޔަކު މަރައި އެމެރިކާއިން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހަރުކަށި އަމަލުތަކެއް ހިންގުމަށްފަހުގައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އިސްލާމީ ގައުމުތަކަށް އެމެރިކާ ދޭ ވައިގެ ހަމަލާތަކުގައިވެސް ޓެރަރިސްޓުންނަށްވުރެ ގިނައިން އެގައުމުތަކުގެ އާންމުން މަރުވަމުންދާތީ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަ ކަމުގެ ތުހުމަތާއި ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ސައުވީސް ގަޑީއިރު މަސައްކަތް ކުރަނީ ޓެރަރިސްޓުން ތިބޭތަންތަން ހޯދައި އެމީހުންގެ ލީޑަރުންގެ ހަރަކާތްތަކާއި އެމީހުންގެ ރޭވުންތައް ދެނެގަތުމަށް ކަމުގައެވެ. ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ހަނގުރާމަ އިޢުލާންކުރިތާ 15 އަހަރު ވީއިރު އަލްގާއިދާގެ ބަދަލުގައި އައިއެސްފަދަ އިތުރު ޓެރަރިސްޓް ޖަމާއަތްތައް އުފެދި އެޖަމާއަތްތަކުގެ ބިރުވެރިކަން ދުނިޔޭގައި ފެތުރިގެން ދިޔުމަކީ އެ ހަނގުރާމައިގައި އެމެރިކާ ނާކާމިޔާބު ވެފައިވާކަމުގެ ހެއްކެތްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމީހުންނާ ކުރިމަތިލުމަށް ބިންމައްޗަށް ފައިބާކަށް އެމެރިކާ ސިފައިންނަކަށް ނުކެރެއެވެ.
އެމެރިކާ ސިފައިން ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ ދުރުގައިތިބެފައި އޮއްގައު އުކާ އުސޫލުން މާ މަތިން ވައިގެ ހަމަލާތައް ދީގެން ކަމަށާއި މިފަދަ ފިނޑިގޮތެއްގައި އެމެރިކާގެ އަމަލުތައް ހުރިހާ ހިނދަކު ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއަށް ކުރިއެރުން ނުލިބޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)