އެކްސްޕްރެސް މެއިލް ސާވިސް ދެމުން އަންނަ ދުނިޔޭގެ މަޝްހޫރު ޑީއެޗްއެލްގެ ކާގޯ ފްލައިޓެއް އިޓަލީ އެއާޕޯޓެއްގެ ރަންވޭއެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލައި ބާރުބޮޑު މަގަކަށް ވެއްޓިއްޖެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުން ފުރައިގެން އިޓަލީގެ އުތުރުގައި އޮންނަ ބެރްގަމޯގެ އޯރިއޯ އަލް ސޭރިއޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލާފައިވަނީ ޑީއެޗްއެލްގެ އޭސީއެލް އެއާލައިންސްގެ ބޮއިންގް 400-737 މަރުކާގެ ބޯޓެކެވެ.

އިޓަލީ އެއާޕޯޓެއްގެ ރަންވޭއެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލައި ޑީއެޗްއެލްގެ ކާގޯ ފްލައިޓް ---

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގެ ފޮޓޯ ތަކުން ފެންނަ ގޮތުން ރަންވޭއިން ކައްސާލައިގެން ފްލައިޓް ގޮސް ހުއްޓިފައި ވަނީ ރަންވޭ ބޭރުގައި ހަދާފައި އޮތް މަގެއްގެ މެދަށެވެ.

އިޓަލީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެރްގަމޯ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ހިނގި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު، އެ ސަރަހައްދު ވަނީ ގާތްގަނޑަކަށް ދެ ގަޑިއިރަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައެވެ.

އިޓަލީ އެއާޕޯޓެއްގެ ރަންވޭއެއްގައި ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކައްސާލައި ޑީއެޗްއެލްގެ ކާގޯ ފްލައިޓް ---

އިޓަލީގެ ނެޝަނަލް އެޖެންސީ ފޯ ސިވިލް އޭވިއޭޝަން އިން ބުނީ ހާދިސާއާ ގުޅިގެން ބައެއް ފްލައިޓްތައް ރީޝެޑިއުލްކޮށް ބައެއް ފްލައިޓްތައް ދަތުރުކުރަމުން އައި މަގު މިލާންގެ މަލްޕެންސާ އެއާޕޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.