ބެންކޮކް(އޮގަސްޓް 5): ތައިލެންޑް އަލުން ޑިމޮކްރަސީއަކަށް ބަދަލުކުރުމުގެ ގޮތުން ބާއްވާ އާންމު އިންތިޚާބު އަންނަ އަހަރު އޮންނާނެ ކަމަށާއި އަދި އާ ގާނޫނު އަސާސީ އާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު އަންނަ ހަފްތާގައި ބާއްވާނެކަން އެގައުމުން ހާމަކޮށްފިއެވެ.

ތައިލެންޑްގެ އިންގިލާބީ ވެރިޔާ އަދި ބޮޑުވަޒީރު ޖެނެރަލް ބްރަޔުތް ޗާން އޮޗާން ވިދާޅުވީ، ޕާލަމެންޓްރީ އިންތިޚާބު އަންނަ އަހަރު އޮންނާނެކަމަށާއި އެއާއެކު އަނެއްކާވެސް ޑިމޮކްރެޓިކް ވެރިކަމެއް ތައިލެންޑްގައި ގާއިމް ކުރެވިގެންދާނެ ކަމުގައެވެ. ތައިލެންޑްގެ ސިފައިން ނުކުމެ އެގައުމުގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށްފަހު އަސްކަރީ ވެރިކަމެއް ގާއިމްކުރީ ދެހާސް ސާދަވަނަ އަހަރުގައެވެ.

އަސްކަރީ ވެރިކަމެއް ގާއިމް ކުރުމަށްފަހު އަސްކަރީ ސަރުކާރުގެ ބެލުމުގެ ދަށުން އެގައުމުގެ ގާނޫނު އަސާސީއަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މިބަދަލުތަކާއެކު ތައިލެންޑްގެ އައު ގާނޫނޫ އަސާސީގައި ސިފައިންގެ ބާރާއި ނުފޫޒު ބޮޑުވެ ސިޔާސީ ފަރާތްތަކަށް ދެވޭ ފުރްސަތުތައް ވަރަށްބޮޑަށް މަދުކަމަށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ދެކެއެވެ.

މަގާމުން ދުރުކުރި ތައިލެންޑްގެ ބޮޑުވަޒީރު ޔަންގްލިކް ޝިނަވަޓްރާ

އާ ގާނޫނު އަސާސީ އާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު މީގެ ދެދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައިވާއިރު އަސްކަރީ ސަރުކާރުން ބުނަނީ އާ ގާނޫނު އަސާސީގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ކުޑަވެ ސިޔާސީ ލީޑަރުންގެ ފިއްތުންތަކުން ގައުމުގެ އިގްތިސާދު ސަލާމަތް ކުރުމަށް ކުރުމުގެ ފުރްސަތު ކުރިޔަށްވުރެ ބޮޑުވެގެންދާނެ ކަމުގައެވެ.

ތައިލެންޑްގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭގޮތުގައި އާ ގާނޫނު އަސާސީ އާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވެރިކަންކުރާ އަސްކަރީ ސަރުކާރަށް ކުރިމަތިވާ އިންތިޙާނެކެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި މިއީ ތައިލެންޑްގެ ސިޔާސީ މަސްރަހަށް ސިފައިންގެ ބާރާއި ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ނަގާވޯޓެކެވެ.

ތައިލެންޑްގެ ފަހުގެ ތާރީޚުގައި (1930 ން ފެށިގެން) އެގައުމަށް އަސްކަރީ އިންގިލާބު ގެ 19 އިންގިލާބު ގެނަސް ވެރިކަން ފޮރޮޅާލާފައިވެއެވެ. (ރޮއިޓާސް)