05 Aug 2016, 15:39
ދެމެހެއްޓެނިވި ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރެއްވުމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ޚާއްސަ މުޝީރު ޑރ. ވިލީ މުޓުންގާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ސަރުކާރުގެ ދައުވަތަކަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ރާއްޖެ ވަޑައިގަތް ކޮމަވެލްތުގެ ހާއްސަ މުޝީރު މުޓުންގާ ރާއްޖެ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، އިދިކޮޅު ކޯލިޝަން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނާއި، ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައިވެއެވެ.
Special Envoy of#CommonwealthSG Dr. Willy Mutunga departs after his 5 day visit to the Maldivespic.twitter.com/ChjG1GYm61
— MFA-Maldives (@MDVForeign)August 5, 2016
ރާއްޖޭގެ ޖުޑިޝަރީ އާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވައި ތަހުޒީބު ޑިމޮކްރަސީއެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށުމަށް ކޮމަންވެލްތްގެ ހާއްސަ މަންދޫބެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެއެވެ.
އެގޮތުން ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ހާއްސަ މުޝީރުގެ ގޮތުގައި ވަރަށް ފަހަކާޖެހެންދެން ކެންޔާގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޑރ. ވިލީ މުޓުންގާ ހަމަޖައްސަވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
މުތުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ އަމާޒަކަށް ވާނީ، ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި، ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމެވެ. އަދި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.