05 Aug 2016, 15:26
ފެނާއި ކާއެއްޗެހި ނުދޭ ކަމަށްބުނެ ޝަކުވާކުރުމުން ރައްކާތެރި ނޫން ކަމަށް ބުނެ އެމެރިކާގެ މުސްލިމް ދެ އަންހެނަކު ފްލައިޓަކުން ބާލުވައިފިއެވެ.
އެމެރިކަން އެއާލައިންސްގެ ފްލައިޓަކުން މިއާމީން ވޮޝިންގްޓަންއަށް ދަތުރުކުރަން ފްލައިޓަށް އަރައި ތިއްބާ އެއާލައިންސްގެ ކެބިން ކުރޫއަކަށް އެމީހުންނަކީ ރައްކާތެރި ބައެއް ނޫން ކަމަށް ބުނެ ފްލައިޓުން ބާލުވާފައިވަނީ އެމެރިކާ ސަރުކާރުން ފަންޑުކުރާ ނޫސް އެޖެންސީއެއް ކަމަށްވާ، "ވޮއިސް އޮފް އެމެރިކާ" ގެ ނޫސްވެރިއަކާ އެމެރިކާ ސަރުކާރުގައި މަސައްކަތްކުރާ އަންހެނެކެވެ.
ހައްޔަރުކުރި ނިއާލާ މުހައްމަދު ނަމަކަށް ކިޔާ ނޫސްވެރިޔާގެ ފޭސްބުކްގައި ބުނެފައިވަނީ އޭނާއާއެކު ފްލައިޓުން ބޭލުވި އެމެރިކާ ސަރުކާރުގައި މަސައްކަތްކުރާ އޭނާގެ ރަހްމަތްތެރިޔާއާ، ދަތުރުކުރަން އަރާތިބި ފްލައިޓް އޮޕަރޭޝަން މައްސަލަ ޖެހުނީ، ބޯކޮށް ވިއްސާރަވުމުގެ ސަބަބުން ފުރުން ފަސް ގަޑިއިރަށް ޑިލޭވުމުން ކާނެ އެއްޗެއް ގަންނަން ދިއުމުގެ ހުއްދަ ފްލައިޓުގެ ކެބިން ކުރޫއިން ނުދިން ކަމަށެވެ.
ފްލައިޓް ޑިލޭވުމުން، ނަން ހާމަނުކުރުމަށް އެދިފައިވާ އޭނާގެ ރަހްމަތްތެރިއާ އޭނާ ކައިރީގައި އިން ފަސިންޖަރަކާ ވާހަކަދައްކަން ތިއްބާ ފްލައިޓްގެ ފިރިހެން ފްލައިޓް އެޓެންޑެންޓެއް އައިސް މައްސަލައެއް އުޅޭނަމަ ފްލައިޓުން ފޭބުމަށް ބުނި ކަމަށް ނިއާލާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
"ފިރިހެން ފްލައިޓް އެޓެންޑެންޓް އައިސް މައްސަލައެއް އުޅޭނަމަ ފްލައިޓުން ފޭބުމަށް ބުނުމުން އަހަރެންގެ އެކުވެރިއާ އޭނާގެ މައްސަލައެއް ނެތް ކަމަށާއި މިއީ ހަގީގަތްކަމަށް ބުނި. އަދި އަހަރެމެންނަށް ފަސް ގަޑިއިރުގެ ތެރޭގައި ދިނީ އެންމެ ފެން ތައްޓެއް ކަމަށް ބުނި. ނަމަވެސް އެހެން ފަސިންޖަރުންނަށް އުދަނގޫ ކުރާކަމަށް ބުނެ ފްލައިޓުން ބާލަންޖެހިދާނެ ކަމަށް ފްލައިޓް އެޓެންޑެންޓް އިންޒާރުދިން. އޭރު އޭނާހުރީ ނޭމް ބެޖްވެސް ނުޖަހާ،" މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާ ކިޔައިދެމުން ނިއާލާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.
ނިއާލާ ބުނީ، ފްލައިޓް އެޓެންޑަރ އެހެން ބުނުމުން އެނާގެ އެކުވެރިއާގެ ފޯނުން ފްލައިޓް އެޓެންޑެންޓުގެ ފޮޓޯއެއް ނެގި ކަމަށެވެ. ނަމަވެސް ފޮޓޯ ނެގުމަކީ ގާނޫނީ ކުށެއް ކަމަށް ބުނެ އަންހެން ފްލައިޓް އެޓެންޑެންޓެއް ލައްވައި އެ ފޮޓޯ ޑިލީޓްކުރުމަށް އޭނާގެ އެކުވެރިޔާ ގާތު ބުނި ކަމަށް ބުނެފައިވެއެވެ.
"ގާތްގަނޑަކަށް 10 މިނެޓް ފަހުން އެމެރިކަން އެއާލައިންސްގެ ކަސްޓަމާ ރިލޭޝަން ތަމްސީލްކުރާ ބޭފުޅަކު ފްލައިޓަށް އަރައި އަހަރެމެންގެ އެއްޗިއްސާއެކު ފްލައިޓްގެ ކުރިއަށް އައުމަށް އެނދުނު. އޭރު ރޭމްޕުގައި ތިބީ ހަތިޔާރާއެކު ތިބި ސިފައިންނާއި އެއާ މާޝަލް. އަހަރެމެން ފްލައިޓުން ބޭލުވީ ކީއްވެންތޯ އެހުމުން ބުނީ އެމީހުންނާ ވާހަކަދެއްކި ފިރިހެން ފްލައިޓް އެޓެންޑެންޓަށް ބިރު ދެއްކީ ކަމަށް. ނަމަވެސް އަހަރެންގެ އެކުވެރިއާ ވާހަކަދައްކަން އިން ފިރިހެން ފަސިންޖަރު ބާލުވާފައެއް ނުވޭ،" ނިއާލާ ބުނެފައިވެއެވެ.
ފްލައިޓުން ބޭލުވި އެމެރިކާގެ މުސްލިމް ދެ އަންހެނުންނަށް ފަހުން ވަނީ ޝެޑިއުލްގައި ކުރިއަށްއޮތް ފްލައިޓުން ދެ ސީޓް ހަމަޖައްސައިދީފައެވެ.
އެ މައްސަލައާ ގުޅިގެން އެމެރިކަން އެއާލައިންސްގެ ތަރުޖަމާން ވިދާޅުވީ، ފްލައިޓުން ބޭލުވި އެމެރިކާގެ މުސްލިމް ދެ އަންހެނުންވަނީ އެއާލައިންސްގެ ޕޮލިސީތަކާ ހިލާފަށް ފޮޓޯ ނުނެގުމަށް އެނދުމުން ވެސް ފްލައިޓް އެޓެންޑުންގެ ފޮޓޯ ނަގައި ވީޑިއޯ ކޮށްފައިކަމަށެވެ.