05 Aug 2016, 13:49
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި "10 ޕްލަސް" ޕްރޮގްރާމް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަމަށެވެ.
އެގޮތުން ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ވަންދެން އެ ދަރިވަރަކު އުޅޭ ނޫޅޭގޮތް ބެލުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ "10 ޕްލަސް" ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ތެރޭގައި މާލެއާއި މާލޭ ކައިރީގެ ސްކޫލްތަކުގައި 97 ޕަސެންޓް ސްކޫލްގައި ތައާރަފްކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތައާރަފް ކުރައްވާނެ ކަމަށެވެ.
ގުރައިދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް ހަނދާނީ ފިލައެއް އަރުވަނީ --- ފޮޓޯ/ އެޑިއުކޭޝަން
މީގެ އިތުރުން، ރާއްޖޭގެ 85 ޕަސެންޓް ސްކޫލުގައި ދަށު ސާނަވީ ގްރޭޑްތަކަށް އޯލެވެލްއާ އެއް ފެންވަރެއްގެ އެޑެކްސެލް "ބީޓެކް" ގެ ނަމުގައި އާ ސްޓްރީމެއް ތައާރަފްކުރެވިފައިވާ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ބީޓެކް އޭލެވެލްގެ ފުރުސަތު ވެސް ފުޅާދާއިރާއެއްގައި ހުޅުވާ ލެވިގެންދާނެ ކަމަށެވެ.
ސްކޫލްތަކުގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ޓީޗަރުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ހާއްސަ ޓީޗަރުންގެ ވަޒީފާ އުފައްދައި އެކަމަށް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން، 2013 ވަނަ އަހަރުގެ ނިޔަލަށް ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުން ގޮތުގައި ޖުމްލަ 77 ޓީޗަރުން ތަމްރީން ކޮށްފައިވާއިރު، މި ސަރުކާރު އައިފަހުން މިދިޔަ އަހަރު އެކަނިވެސް 80 ސެން ޓީޗަރުން ތަމްރީން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ގުރައިދޫ ސްކޫލަށް އެކި ގޮތްގޮތުން ބޮޑު އެހީތެރިކަމެއްވެ ދެއްވަމުންދާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އަގުވަޒަންކޮށް ގުރައިދޫ ސްކޫލުން ދޭ ހަނދާނީ ފިލާ، އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް މެމްބަރު ރިޒާ އަށް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އެޑިއުކޭޝަން
އަދި މިހާރުވެސް 191 ސެން ޓީޗަރުން ތަމްރީން ކުރެވެމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ހާއްސަ ޓީޗަރުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނާސަރީން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދޭ، ގުރައިދޫ ސްކޫލް ފުރަތަމަ ފަށައިގަތީ ފަންގި ގެ ގަނޑެއްގައި އެދުރުދައިތަ ނުވަތަ މަރްހޫމް މުދިންގޭ މާމަގެ އެހީތެރިކަމާއެކު 1966 ވަނަ އަހަރުއެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަަތް ރޭގެ ރަސްމިއްޔާތުގައި ގުރައިދޫ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކާ ބޭފުޅުންގެ އިތުރުން ގިނަ ދުވަހު ސްކޫލަށް ހިދުމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވަނީ ދީފައެވެ.