މާލެ އަތޮޅު ތިލަފުށީގެ ސައިޓެއްގައި އަންގާރަ ދުވަހުގެރޭ ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައްޔަރު ކުރި ސްރީލަންކާގެ ދެމަފިރިންނަކީ ބަނގުރާ ތައްޔާރު ކޮށްގެން ވިޔަފާރީގެ ގޮތުގައި ބަނގުރާ ވިއްކާފައިވާ ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މުހައްދު ދާއޫދު މިއަދު ވިދާޅުވީ ބަނގުރާ ވިއްކަނިކޮށް ހައްޔަރު ކުރި ސްރީލަންކާގެ ދެމަފިރިން ކަމަށްވާ ލަކްޝަންމަން ނީލް ޕެރޭރާ 39، އާއި ޗަމްޕަނީ ރޯޝަން 37، އަކީ ފުޅާދާއިރާއެއްގައި ބަނގުރާގެ ވިޔަފާރި ކުރަމުންދާ ބައެއް ކަމަށެވެ. އަދި އެމީހުން ތައްޔާރު ކޮށްފައި ހުރި އެއްޗެހި ވިއްކާފައިވާ ކަމަށް ތަހުގީގުގައި އެމީހުން ބުނެފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.

http://www.youtube.com/watch?v=Xz5lr5W40A8

ދާއޫދު ވިދާޅުވީ އެ ދެމަފިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޗެކް ކުރި ކުރުމުން އެކަކުގެ އަތް ދަބަހުގެ ތެރެއިން ޔީސްޓް ޕެކެޓަކާއި ގިނަ އަނދަދެއްގެ ގޯނބިލި ފެނިފައިވާ ކަމަށެވެ. އަދި އެމީހުންގެ އަތުން ފެނުނު ތަޅުދަނޑިއެއް ބޭނުން ކޮށްގެން އެތަނުގައި ހުރި ގުދަން ހުޅުވާ ބެލި އިރު ގުދަނުގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ އެއްޗެހި ފެނިފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ. ދާއޫދު ވިދާޅުވީ ފުލުހުން ގުދަން އިތުރަށް ބަލާފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 17 ފުޅި އާއި 20 ލީޓަރުގެ ދެ ހަން ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ހައްޔަރުގައި ހުރި ލަކްޝަންމަން ޕެރޭރާ އަކީ ތިލަފުށީގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި އަންހެން މީހާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭ ކަމަށް ދާއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ދާއޫދު ވިދާޅުވީ އޭޕްރީލް މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ތަފާތު އޮޕަރޭޝަންތަކުގައި 380000 ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.