އޮލިމްޕިކްސް ކުޅިވަރު އީދުގެ ފިރިހެން ބައިގެ ފުޓްބޯޅަ އިވެންޓުގެ ފުރުތަމަ މެޗުގައި ދެކުނު އެފްރިކާ އަތުން 0-0ގެ ނަތީޖާ އަކުން އެއްވަރުވެ މުބާރާތް ބާއްވާ ގައުމު ބްރެޒިލް މާޔޫސް ވެއްޖެއެވެ.

އޮލިމްޕިކްސް ފުޓްބޯޅައިން ރަން މެޑަލް ހޯދުމުގެ އަޒުމުގައި މުބާރާތާ ކުރިމަތިލާފައިވާ ބްރެޒިލް ޓީމަށް މާއެދެވޭ ކޮޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެކުނު އެފްރިކާ އަށް ވުރެ ގިނަ ފުރުސަތުތަށް ބްރެޒިލް ޓީމުން ވަނީ ތަނަވަސް ކުރިއެވެ.

އެގޮތުން ބްރެޒިލްގެ ގެބްރިއަލް ޖީސޭސްއަށް ވަނީ ނަތީޖާ ބަދަލު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެ މެޗުގައި ބްރެޒިލްގެ ކެޕްޓަން ނޭމާ ވެސް ވަނީ ދެކުނު އެފްރިކާގެ ގޯލަށް އަމާޒް ކޮށް ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ. ނަމަވެސް ނޭމާގެ ހަމަލާތަކުގެ ހުރުހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދެކުނު އެފްރިކާގެ ގޯލު ކީޕަރު އިޓުމެލެން ކޫނޭއެވެ.

އެ މެޗުގެ 59 ވަނަ މިނެޓްގައި ދެކުނު އެފްރިކާގެ މޮތޮބީ އެމްވާލާއަށް ދެވަނަ ރީނދޫ ކާޑާއި އެކު ދެއްކި ރަތްކާޑާއެކީ، މެޗުގެ ބާކީބައި އެގައުމުން ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ބްރެޒިލް ހިމެނޭ ގްރޫޕް އޭ ގައި ރޭ އިރާގާއި ޑެންމާކް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. ގްރޫޕް ބީގައި ކޮލަމްބިއާ އާއި ސްވިޑަން 2-2 އިން އެއްވަރުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ޖަޕާން ވަނީ 5-4 އިން ނައިޖީރިއާ އަތުން ބަލިވެފައެވެ.

ގްރޫޕް ސީގައި މެކްސިކޯ އާއި ޖަރުމަނު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ ގްރޫޕްގެ ދެވަނަ މެޗުގައި ދެކުނު ކޮރެއާ ވަނީ ފިޖީ ކޮޅަށް އަށް ގޯލު ކާމިޔާބް ކޮށް 8-0ގެ ނަތީޖާ އަކުން މޮޅުވެފައެވެ. ގްރޫޕް ޑީގައި އަލްޖީރިއާ އަތުން 3-2 އިން ހޮންޑިއުރަސް މޮޅުވިއިރު، ޕޯޗުގަލް ވަނީ 2-0 އިން ވާދަވެރި އާޖެންޓީނާގެ މައްޗަށް ކުރި ހޯދާފައެވެ.