05 Aug 2016, 13:15
އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މަތިވެރި ގުނަވަނަކީ އޭނާގެ ހިތް ކަމަށާއި ނަމަވެސް ލިބިފައިވާ ބާރާއި މުއްސަނދިކަމާއި މަގާމަށް ބޮޑާވެގެންފިނަމަ ހިތް ފަސާދަވެ ހަލާކުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހިތް ރަގަނޅުވުމާއި ނުބައިވުމުގެ މައްޗަށް އިޝާރާތްކޮށް މިއަދުގެ ހުތުބާގައި ބުނީ ހިތް ރަނގަޅުވެގެން މެނުވީ އިންސާނާ ރަނގަޅު މީހަކަށް ނުވާނެ ކަމަށާއި އެ ހިތް ފަސާދަވެއްޖެނަމަ އޭނާގެ މުޅިހަށިގަނޑު ފަސާދަ ވެދާ ކަމަށެވެ.
"މާތްﷲ މައުރިފާކޮށް ދެނެގަންނަނީ ހިތުންނެވެ. އީމާންކަން ގަރާރުވެފައިވާތަނަކީ ވެސް ހިތެވެ. އަދި ރަސޫލުބޭކަލުން ފޮނުއްވާފައިވަނީ ވެސް ހިތްތަކާ މުހާތަބު ކުރެއްވުމަށެވެ. މުޅި އިންސާނާގެ ކޮންޓްރޯލްވަނީ ހިތަށް ދެވިފައެވެ،" ހިތުގެ މުހިއްމުކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހިތްތަކުގެ ހަމަޖެހުމާއި އުފާވެރިކަމާއި އެއަށް ދިރުން ލިބި ތާޒާކަން ލިބިގެންދަނީ މާތްﷲއަށް ކުއްތަންވެ ކީރިތި ޤުރުއާން ކިޔަވައި އޭގައިވާ ގޮތަށް އަމަލު ކޮށްގެން ކަމަށެވެ.
ނަމަވެސް މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ ކީރިތި ޤުރުއާނުގެ ތައުލީމުން ދުރުވެއްޖެ ހިތެއް ނުތަނަވަސްވެ، އަބާއްޖަވެރިވެ މަރުވެދާނެ ކަމަށް ބުނެފައިވެއެވެ.
"މަރުވެގޮސްފައިވާ މީހުންނާއި ބަލިމީހުންނާއި ތަފާތު ވޭންތައް ތަހައްމަލު ކުރަމުންދާ މީހުންގެ ހާލަތާ މެދު ވިސްނާ ފިކުރުކޮށް އިބުރަތް ހާސިލް ކުރުމަކީ ވެސް ހިތް މަޑުމޮޅިވާނެ ކަމެކެވެ. ނަމަވެސް ތިމާއަށް ލިބިފައިވާ ސިއްހަތާއި ބާރު، ޒުވާންކަމާއި މުއްސަނދިކަން ޖާހާއި މަގާމަށް ބަލައި ބޮޑާވެގެންފި ނަމަ އެމީހެއްގެ ހިތް ފަސާދަވެ ހަލާކުވެދާނެ އެވެ،" ހުތުބާގައި ބުނެފައިވެއެވެ.
އިންސާނަކު ބާއްޖަވެރިވެ ނުވަތަ އަބާއްޖަވެރިވަނީ އޭނާގެ ހިތުގައިހުރި ހެޔޮކަމާ ނުބައި ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ފާހަގަކޮށް ހުތުބާގައި ބުނީ، މާތްﷲގެ ހަޟްރަތަށް ކުއްތަންވެ ތައުބާވާ ހިނދު އެކަލާނގެއަށް ލޯބިޖެހުމާއި އެހެން ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް އެކަލާނގެ އުމުރުފުޅު އިސްވެ ދުނިޔަވީ ހަޔާތުގެ ހެއްލުންތެރިކުރުނިވި ކަންތައްތަކުން ދުރުހެލެވެ އުހްރަވީ ހަޔާތުގެ ކަންތައްތަކާ ކުރިމަތިލާ ކަމަށެވެ.
ނަމަވެސް ޝައިތާނާގެ މަގަށް އިންސާނާ ލެނބިގެން ދާއިރު ހައްގުމަގުން އެއްކިބާވެ ދުނިޔޭގެ މުދަލަށް ދަހިވެތިވެ އޭނާއަށް މާތްﷲ މިންވަރު ކުރައްވާފައިވާ ގޮތާމެދު ނުރުހި، ބިރުވެރިކަމާއި ނާމާންކަން ވެރިވެ ހިތްދަތިކަމާ ކުރިމަތިލާންޖެހޭ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އަދި ހިތަށް ލިބޭ އެންމެ ބޮޑު ވޭނަކީ މާތްﷲ ދެއްކެވި މަގުން އެއްކިބާވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހިތްތައް ހަރުކަށިވެގެން ގޮސް ހިލަގަނޑަކަށްވުރެ ހަރުވެގެންދާއިރު އެހިތްތަކުގެ އަހުލުވެރިން މާތްﷲ ގެ ރަހްމަތުންނާއި އެކަލާނގެ ދެއްކެވި މަގުން ދުރުވެދާކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެހެން ދުރުވެގަނެއްޖެ ހިތަކަށް ދެވޭ ނަސޭހަތަކުން ކުރާނެ އަސަރެއް ފައިދާއެއް ނޯންނާނެ ކަމަށެވެ.
ހުތުބާ ނިންމާލަމުން އެމީހަކާއި އެމީހެއްގެ އަނބިދަރިންގެ ހިތްތައް ރަނގަޅުކޮށް އިސްލާހުކުރުމަށް ގަދައަޅައި މަސައްކަތްކޮށް އެކަމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ދުއާ ދެންނެވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.