ކޮންމެ މަސައްކަތެއްގެ އަގު ފައިސާއިން އަދާ ނުކުރެވޭނެ ކަމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ދިވެހިބަހާ އަދަބިއްޔާތަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝުކުރު ދެންނެވުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ވިދާޅުވީ، ހިލޭ ސާބަހަށް ދިވެހިބަހާއި އަދަބިއްޔާތަށްޓަކައި މަސައްކަތް ކޮށްދެއްވި ބޭފުޅުން އެބޭފުޅުންގެ "މުލައްދަނޑި" ތަކުން ކޮށްދެއްވި މަސައްކަތްތަކުން މިއަދު ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ދިވެހި ބަހަށް ކުރެވިފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ މަސައްކަތުގެ އަގު ފައިސާއިން އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުންް ބަހުގެ އެކެޑަމީ އުފެއްދެވުމުން ވަކިވަކިވެފައި އޮތް ދިވެހިބަހުގެ އަދަބީ ޖައްވުުގައި އެއްވެ އެއްތާކު ތިބެގެން މަސައްކަތްކުރުމުގެ މައިދާނެއް ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝުކުރު ދެންނެވުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އަޝްރަފް ވިދާޅުވީ، 2010 ވަނަ އަހަރު ދިވެހިބަހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒު އުވާލެއްވުމުން ބަހާއި އަދަބު ދިޔައީ ވަޅުޖެހެމުން ކަމަށާއި، ވަރަށް ބޮޑަށް ހީނަރުވަމުން ކަމަށެވެ. ނަމަވެސް ހެޔޮ އެދޭ އިހްލާސްތެރި ބަޔަކު ލިޔުންތެރިންގެ ގުޅުމުގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި އެކަމަށްޓަކައި އަޑު އުފުއްލަވައި ކުރެއްވި މަސައްކަތުން ދިވެހިބަހަށް ކުރިއެރުން ގެެނެވިފައިވާ ކަމަށެވެ.

"ދިވެހިބަހަށް ކުރިއެރުން ގެނެސް ދިވެހި ތާރީހަށް މީހުންގެ ލޯތައް ހުޅުވޭނީ" ދިވެހި ބަހަށްޓަކައި، ތާރީހަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންގޮސްގެން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝުކުރު ދެންނެވުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރޭގެ ހަފްލާގައި ދިވެހިބަަހަށާއި ތާރީހު ކުރިއެރުވުމަށް އެކި ގޮތްގޮތުން މަސަައްކަތް ކޮށްދެއްވެވި ފަރާތްތަކަށް އެކަމުގެ އަގުވަޒަަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެގޮތުން 15 ކުންފުންޏަކަށާއި، ވަކިވަކި ފަރުދުންގެ ތެރެއިން 30 ފަރާތަކަށް އެ ފިލާ އަރުވާފައިވެއެވެ. ވަކިވަކި ފަރުދުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ނިޝާނުލް އިއްޒުއްދީން އަބްދުލް ރަޝީދު ހުސެއިން އެވެ. އަދި ކުންފުނިތަކަށް ފިލާ ހަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެވެ.