05 Aug 2016, 10:22
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއަބުރު ރައްކާތެރިކޮށްދިނުމާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށްފިގުހު އެކަޑަމީން ތާއީދުކޮށްފިއެވެ. ނަމަވެސް ފިގުހު އެކަޑަމީގައި ތިއްބެވި އިލްމުވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނުތައް ފަރުމާ ކުރާއިރު އިސްލާމްދީނާ ޚިލާފަށް އެއްވެސް ގާނޫނެއް ނުހެއްދެވުމަށް މެމްބަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަބުރުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ބިލު ދިރާސާ ކުރާ ކޮމެޓީން ރޭ ވަނީ ފިގުހު އެކަޑަމީގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ އެކަޑަމީގައި ތިއްބަވާ ދީނީ އިލްމުވެރިންގެ ހިޔާލު ހޯއްދަވައިފައެވެ. ރޭގެ ބައްދަލުވުމުގައި ފިގުހު އެކަޑަމީގެ އިލްމުވެރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ރާއްޖޭގެ ރައްޔިތުންނަށް ގާނޫނުތައް ފަރުމާ ކުރައްވާއިރު އިސްލާމްދީނާ ހިލާފު ގާނޫނު ހެއްދެވުމަކީ "ވަރަށް ނުރައްކާތެރި" ކަމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝެއިހު އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ. ޝެއިހް ރަޝީދު ވިދާޅުވީ އިސްލާމީ ގައުމުތަކަށް ބަލާއިރު އަބުރާ ބެހުން އޮންނަނީ ޖިނާއީ ކުށެއްގެ ގޮތުގައި ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގައި ޝެއިހު އިބްރާހިމް ރަޝީދު މޫސާ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"އަބުރުގެ މައްސަލަ މި އަންނަނީ އިސްލާމްދީނުގައި މަގާސިދުލް ޝަރީއާގައި ހިމެނޭ ފަސްކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި. އެއް ކަމަކީ ދީން ރައްކާތެރި ކުރުން އަނެއް ކަމަކީ ނަފްސު ރައްކާތެރި ކުރުން. އަނެއް ކަމަކީ މުދާ ރައްކާތެރިކުރުން. އަނެއް ކަމަކީ އަބުރު ރައްކާތެރިކުރުން. ދެން އޮތް ކަމަކީ ބުއްދި ރައްކާތެރި ކުރުން،" ޝެއިހް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ އަބުރު ރައްކާތެރި ކުރުމުގެ ބިލުގެ 19 ވަނަ މާއްދާ އިސްލާމީ ޝަރީއަތަށް ވަރަށް ބޮޑަށް ފެތިގެންދާ ކަމަށެވެ.
ބިލުގެ 19ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ބުނާ ބަހަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ ތެދު ނުވަތަ ހަގީގަތް ކަމުގައިވުމަކީ އަބުރާ ބެހުމުގެ ހުރިހާ ކަމަކަށް ފުރިހަމަ ދިފާއެއް ކަމަށެވެ. ހަމަ އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ބުނާ ބަހަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ ތެދު ހަގީގަތެއް ކަމުގައި ސާބިތު ކޮށްދިނުމަކީ އެ ބަހެއް ބުނި ނުވަތަ އެ ހިޔާލެއް ފާޅު ކުރި ފަރާތެއްގެ ޒިންމާ އެއް ކަމަށެވެ.
"އަބުރުގެ މައްސަލައަކީ މިހާރު އަދި ހާއްސަކޮށް މީޑިއާގެ ވަސީލަތްތައް ތަނަވަސްވެ ފެތުރިގެން ދިއުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމެއް. މިއަދު އެކި ގައުމުތަކުގައި މިކަމުގައި ބަލާ ގޮތްވެސް ތަފާތު،" ޝެއިހް ރަޝީދު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިގުހު އެކަޑަމީގައި އިންނަވާ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވީ އަބުރުގެ މައްސަލައަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ރައްކާތެރި ކުރައްވާފައިވާ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މުއުމިނުންގެ ތެރޭގައި ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުން ހިމެނޭ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގައި އައްޝެއިހު އިބްރާހިމް އަހުމަދު ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ޝެއިހް އިބްރާހިމް އަހުމަދުވެސް ވިދާޅުވީ، އަބުރަށް އަރައިގަތުމަކީ އިސްލާމީ އެހެން ގައުމުތަކުގައިވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކުށެއް ކަމަށެވެ.
"އަދި އިސްލާމްދީނުގައި ވެސް އަދި ރަސޫލާގެ ހަދީޘްފުޅުތަކުގައި ވެސް އަދި ގުރުއާނުންވެސް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އަންގައިދޭ އެއްކަމެއް އަބުރު ރައްކާތެރިކުރުމުގެ ވާހަކައަކީ،" ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި، މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާއިން ފެށީގެން 2،000،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދެއްކުމަށް ފަހު އެ މަސައްލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ނަމަވެސް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ނުދައްކައި، އިސްތިއުނާފު މަރުހަލާ ކުރިއަށް ނުގެންދެވޭނޭކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމާއި ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ނުކުރެވޭނޭ ކަމަށް އޮތް އޮތުމަކީ، މި ބިލަށް ޚިޔާލުހުށަހެޅި ހުރިހާ ފަރާތްތަކުންހެން، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ނުކުތާއެކެވެ.

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގެ މުގައްރިރު އަބްދުﷲ ހަލީލު (މ) އަދި ނައިބު މުގައްރިރު އަހުމަދު އާމިރު (ވ): ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެއެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް، އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެބްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެއެވެ.