ތައިލެންޑްގެ ކެއުންތަކަށް ޚާއްސަކޮށްގެން މާލޭގައި އާ ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

ރޭ މާލޭގައި ހުޅުވިގެން ދިޔައީ ބާން ތައި ނަމަކަށް ކިޔާ ރެސްޓޯރަންޓެކެވެ. އެ ރެސްޓޯރަންޓް ހުންނާނީ ހެންވޭރު ހަކުރާ ގޯޅީގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގަ އެވެ.

މި ރެސްޓޯރަންޓް ހުޅުވުމަށް ރޭ ބޭއްވި ކުޑަ ހަފްލާއެއްގައި، ރެސްޓޯރަންޓް ހުޅުއްވައިދެއްވީ ރާއްޖޭގެ ކުރީގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި ސަންލޭންޑް ޓްރެވަލްސްގެ ޑިރެކްޓަރު ހުސައިން ހިލްމީ އެވެ.

ބާން ތައިގެ ތައި ޑިޝްތައް ތައްޔާރުކުރަނީ އެ ރެސްޓޯރަންޓްގެ ޝެފް، މެލޭޝިޔާގެ ނެލްސަން ވެންގެ ބެލުމުގެ ދަށުންނެވެ. ޝެފް ނެލްސަންއަކީ ކެއްކުމުގެ ދާއިރާއިން 16 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވޭ ޝެފެކެވެ. އޭނާ ކެއްކުމުގެ ދާއިރާގެ ގިނަ އަހަރުތައް ހޭދަކުރެއްވީ ތައިލެންޑުގެ ނަން މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސް ޝެފުންގެ މަގާމުތަކުގަ އެވެ. އެއަށް ފަހު ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ޝަންގްރިލާ ކެސީނޯގެ އެގްޒެކެޓިވް ޝެފްގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.

ހެންވޭރު ހަކުރާ ގޯޅީގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ހުންނަ ބާން ތައި ރެސްޓޯރަންޓް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ފަންސާހަކަށް މީހުންގެ ޖާގައިގެ މި ރެސްޓޯރަންޓުގެ މާހައުލުން ބޮޑަށް ދައްކުވައިދެނީ އަދި ގެނެސްދެނީ ތައިލެންޑުގެ ސަގާފަތުގެ އިހުސާސެކެވެ.

ބާން ތައި ރެސްޓޯރަންޓުން ތައިލެންޑްގެ ސަގާފަތުގެ އިހުސާސު އިތުރު ކުރުމުގެ ގޮތުން، އެތަނަށް އަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް، ތައިލެންޑުގައި ފެން ބުއިމަށް ގެންގުޅޭ ސަގާފީ ދަގަނޑު ތައްޓަކުން ފެންތައްޓެއް ސާވް ކުރެއެވެ. މި ފެނަކީ ތައިލެންޑުގައި ބޮއެ އުޅޭ، ރާނބާ ފަތުގެ ރަހަ ލާ އަދި މަޑު ފޮނިކަމެއް ހުންނަ ފިނި ފެން ތައްޓެކެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް މަރުހަބާގެ އިހުސާސެއް ކޮށްދިނުމުގެ ގޮތުން ކަސްޓަމަރު މޫނު ފޮހެލައި ފްރެޝް ވުމަށްޓަކައި ރެސްޓޯރަންޓުން ކޮންމެ މީހަކަށް ވެސް ރިފްރެޝަރ ޓަވަލްއެއް ދެއެވެ.

ބާން ތައި ރެސްޓޯރަންޓުގެ މެނޫގައި ތަފާތު، ގިނަ ތައި ރަހަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުޅި އަދި ފޮނި ރަހަ ދޭ ޑިޝްތަކުގެ އިތުރުން ތާޒާ މޭވާ ޖޫހާއި، މޮކްޓެއިލްތައް ހިމެނެއެވެ.

ބާން ތައިގެ ރެސްޓޯރަންޓުގެ ޑިޝްތަކުގެ އަގުތައް އުޅެނީ މާލޭގެ އެހެން ރެސްޓޯރަންޓްތަކުގައި ވެސް ތައި ޑިޝްތަކުގެ އަގު ހުންނަ ރޭންޖުގައެވެ.